ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ގާއިމް ކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން މިއަދު 19 މީހަކު ދޫކޮށްލައިފިއެވެ.
މިރޭ ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މޫސާ މުރާދު ވިދާޅުވީ، މިހާރު ރާއްޖޭގައި ހުރި ހުރިހާ ކަރަންޓީން ފެސިލިޓީތަކުގައި ޖުމްލަ 862 ފަރާތެއްް ތިބި ކަމަށެވެ.
މިއަދު ދޫކޮށްލި 19 ފަރާތަކީ ކަރަންޓީންގެ މުއްދަތު ހަމަަކުރުމަށް ފަހު ކޮވިޑް-19އަށް ޓެސްޓް ކުރެވި ނަތީޖާ ނެގެޓިވް ވުމުން ދޫކޮށްލި މީހުންނެވެ. ހަމައެއާއެކު މާދަމާ އިތުރު 80 ފަރާތެއް ދޫކޮށްލުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ފަރާތްތައް ކަރަންޓީން މުއްދަތް ހަމަވުމުން ސާމްޕަލް ނަގައިގެން ޓެސްޓު ކުރުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.
މީގެ އިތުރުން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި މިހާރު ތިބީ 11 މީހުން ކަމަށާއި ދަރުމަވަންތަ ހޮސްޕިޓަލުގައި އެއް ފަރާތެއް އެބަހުރިކަމަށް ވެސް ޑރ. މުރާދު ވިދާޅުވިއެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ މީހާ މިހާރު ހުރީ ދޫކޮށްލެވިފައި ކަމަށާއި މާދަމާ އެހެން ފެސިލިޓީއަކަށް އޭނާ ބަދަލުކުރާނެ ކަމަށް ޑރ. ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެގާއި މިހާތަނަށް ޖުމްލަ 2612 ސާމްޕަލްއެއް ވަނީ ނެގިފައެވެ. އެ ސާމްޕަލްތަކުގެ ތެރެއިން ނެގެޓިވް ވެފައި ވަނީ 2507 ސާމްޕަލެވެ. އަދި ލެބޯޓްރީއާ ހަމައަށް ގެންދިއުމަށް ފަހު ނަތީޖާ ނުލިބި 86 ސާމްޕަލެއް އެބަހުއްޓެވެ.
ކޮވިޑަށް ޓެސްޓު ކުރެވުނު ސާމްޕަލްގެ ތެރެއިން ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 19 ފަރާތެކެވެ. އޭގެތެރެއިން 13 މީހަކު ވަނީ މި ބަލިން ރަނަގަޅުވެފައެވެ. ޕޮޒިޓިވްވެފައިވާ ތިބި 6 މީހުންގެ ތެރެއިން ރާއްޖޭގައި މި ބައްޔަށް ފަތުވާދެމުން ދަނީ 4 ދިވެހިންނެވެ. އަނެއް 2 މީހުންނަކީ ރާއްޖެއިން ފުރައިގެން ދިޔަ ދެ ފަތުރުވެރިންނެވެ. އެ ފަތިރިވެރިންގެ ނަތީޖާ ޕޮޒިޓިވްވި ކަން އެނގިފައި ވަނީ އެމީހުން ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ.