ކޮރޯނާ ވައިރަސް ޑިޒީސް ނުވަތަ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެހެން ގައުމުތަކެކޭ ވެސް އެއްފަދައިން ރާއްޖެއިން ވެސް ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ރާއްޖެއިން ބޭރުން އަންނަ މީހުން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރުމަށް ނިންމުމަކީ ވެސް ހަމަ މިފަަދައިން އަޅާފައިވާ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މާޗް 21 ވަނަ ދުވަހުން ފެށިގެން އެހެން ގައުމުތަކުން އަންނަ މީހުން އެކި ކަރަންޓީނު ފެސިލިޓީތަކުގައި ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، މި ފެސިލިޓީތަކާ ބެހޭގޮތުން ތަފާތު ގިނަ ޝުއޫރުތައް ދަނީ ފާޅުކުރަމުންނެވެ. ފެސިލިޓީތަކުގެ ރަނގަޅު ވާހަކައާ ގޯސް ވާހަކައެވެ. ހިދުމަތްތަކުގެ ފެންވަރު ރަނަގޅު ވާހަކައާއި ގޯސް ވާހަކައެވެ. ނަމަވެސް، މިއަދު އަރައިގެން އައި އިރާއެކު ސޯޝަލް މީޑިއާތެރެއިން ފެނިގެން މިދިޔައީ މުޅިން އާ ވާހަކައެވެ.

ރޭ މެންދަމު އާންމު ފަރާތަކުން ސޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯއަކާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ އެ ވީޑިއޯއަށް ހުއްޓިފައެވެ. އެއީ ކަރަންޓީނު ފެސިލިޓީއެއްގައި ދިވެއްސަކު ހުރުމަށް ފަހު، އޭނާ އެތަނުން ދިޔައިރު އެތަނުގެ ހާލަތު ހުރި ގޮތެވެ. ސާފުތާހިރުކަމުގެ ކަންފުޅެއް ވެސް ނެތީއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައި މިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ކޮޓަރީގައި ގިނަ އަދަދެއްގެ ޕްލާސްޓިކު ފުޅި އެކިތަންތަނަށް އުކާފައި ހުރެއެވެ. މުޅި ފާހަނާގައި ސިގިނރެޓް އަޅި ހުރި އިރު ގިނަ އަދަދެއްގެ ސިނގިރެޓް ފޮށި ފާހަނާ ތެރޭގައި ހުއްޓެވެ. އަދި ކޮޓަރިއާއި ފާހަނާ ތެރޭގައި އެއްވެސް ތަރުތީބެއް ނެތި އެކި ސާމާނު ހުރި އިރު، އެނދުގެ ބެޑްޝީޓް ވެސް އޮތީ އޮންނާނެ ގޮތަކަށެވެ.

މި ވީޑިއޯއާއެކު އެތައް ބައެއްގެ ފާޑުކިއުން ވަނީ، އެ ކޮޓަރީގައި އުޅުނު މީހަކަށް އަމާޒުވެފައެވެ. އެގޮތުން ބައެއް މީހުން ވަނީ، ކަރަންޓީނު ކޮށްފައި ހުރި މީހާގެ ކޮޓަރީގެ ހާލަތަކީ މިއީ ނަމަ އާންމު ދިރިއުޅުމުގައި މި މީހަކު އުޅޭނީ ކިހިނެތްތޯ ސުވާލު އުފައްދާފައެވެ. އަދި ހިލޭ ކަރަންޓީނުގައި 14 ދުވަސް މިފަދަ ފަރާތްތަކަށް ނުދިނުމަށް ވެސް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ. ބައެއް ފަރާތްތަކުން ވަނީ، މިފަދައިން ސާފުތާހިރުކަމެއް ނެތް ނަމަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ، ކޮވިޑް-19 ނުޖެހުނު ކަމުގައިވީ ނަމަވެސް، އެހެން ބައްޔެއް ޖެހިދާނެ ކަމަށް ބުނެފައެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ރާއްޖެއިން ބޭރުން އަންނަ މީހުން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރަމުން ގެންދަނީ ރާއްޖޭގެ ރިސޯޓްތަކުގައެވެ. އެގޮތުން 11 ރިސޯޓެއް މިހާރުވެސް ދަނީ ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރަމުންނެވެ.