އިންޑިއާގެ ޓްރިވެންޑްރަމުން 205 ދިވެހިން ރާއްޖެ ގެނެސްފިއެވެ.
ޓްރިވެންޑްރަމުން 205 މީހުން ރާއްޖެ ގެނެސްފައި ވަނީ ދެ ފްލައިޓެއްގައެވެ. ފުރަތަމަ ފްލައިޓުގައި 50 މީހުން ގެނެސްފައި ވާއިރު، އެ ފްލައިޓް ރާއްޖެ އައިސްފައި ވަނީ، މިއަދު މެންދުނު 1:30 ހާއިރެވެ. އަދި ދެވެނަ ފްލައިޓު އައިސްފައި ވަނީ، 3:30 ހާއިރެވެ.
ޓްރިވެންޑްރަމުން 205 މީހުން ރާއްޖެ ގެނެސްފައި ވާއިރު، އެތަނުގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ވަނީ އެމީހުން އެއާޕޯޓަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.
ޓްރިވެންޑްރަމުން އަނބުރާ ރާއްޖެ ގެނެސްފައި ވަނީ، ދެކޮޅު ޓިކެޓް ނަގައިގެން އިންޑިއާއަށް ދިޔަ ދިވެހިންނެވެ. އެ ދިވެހިން ރާއްޖެ އަނބުރާ އަންނަން ޓިކެޓް ނަގާފައިވަނީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހަށް ކަމުގައިވީ ނަމަވެސް އެދަތުރު ކެންސަލް ވުމާ ގުޅިގެން އެމީހުން ތިބީ އިންޓިއާގައި ތާށިވެފައެވެ.
ރާއްޖޭން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގައި ސަރުކާރާއި ގުޅިގެން މޯލްޑިވިއަނުން ހަރަކާތްތެރި ވަމުން ދާއިރު، މިހާތަނަށް 3 ގައުމެއްގައި ތިބި ދިވެހިން ވަނީ ރާއްޖެ ގެނެސްފައެވެ. އެގޮތުން މިކަމުގައި އިސްކަން ދެނީ، ކުރިން ފްލައިޓު ކެންސަލް ވެފައިވާ މީހުންނާއި ޓިކެޓު ނަގާފައިވާ މީހުން އަދި އާސަންދައިގެ ދަށުން ބޭސްފަރުވާއަށް އެހެން ގައުުތަކަށް ގޮސް، ނާދެވިފައި ތިބި މީހުންނަށް ކަމަށް ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތުދެއެވެ.
މިއަދު ޓްރިވެންޑްރަމުން ބަޔަކު ރާއްޖެ ގެނެސްފައި ވާއިރު، އަންނަ ހޯމަ ދުވަހު އިންޑިއާގެ ކޮޗިނާއި ބެންގަލޫރުގައިި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. އަދި އަންނަ ބުރާސްފަތި ދުވަހު ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހިން ގެނައުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.