މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް އަވަސް ކުރުމަށް ތާއީދު ކުރައްވާ ކަމަށް ޔޫތް މިނިސްޓަރު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހްލޫފް ކުރެއްވި އެފްބީ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަހްލޫފު ހައްޔަރު ކުރުމަށްފަހު އޭނާއަށް ކުރި ހަމަހުގެ ހުކުމް އިސްތިއުނާފު ކުރުމުން، އިސްތިއުނާފުގެ މައްސަލަ ފެށީ އިއްވި ހުކުމް ވެސް ނިމުނުތާ ހަ މަސް ފަހުން ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނަށް އެގޮތަށް ރައީސް ޔާމީންގެ ސަރުކާރުގައި އަމަލުކުރި ނަމަވެސް ރައީސް ޔާމީނަށް އެހެންވާން އެދިވަޑައިނުގަންނަވާ ކަމަށާއި، ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ އަވަސް ކުރުމަށް ތާއީދު ކުރައްވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"އޮޅުމަކުން ކަމަށް ވެދާނެ އަދި ފަހަރުގަ ރައީސް ޔާމީނަށް އަޅުގަނޑުގެ ސިޓީ ނުފެނުނީ ކަމަށް ވެދާނެ. ނަމަވެސް ރައީސް ޔާމީންގެ އިސްތިއުނާފް އަވަސް ވާން އަޅުގަނޑު ތާއީދު" މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.

މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވެފައި ވާއިރު، ރައީސް ޔާމީން މިހާރުން މިހާރަށް ގެއަށް ބަދަލުކޮށްދީ އެމަނިކުފާނުގެ އިސްތިއުނާފްގެ މައްސަލަ އަވަސްކޮށް ދިނުމަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ އިންވެސް ވަނީ ގޮވާލާފައެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނީ، ކޮވިޑް19 ގެ ބިރު ރާއްޖޭގައި ވެސް އޮތް މިދަނޑިވަޅުގައި ކުރީގެ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރައްވާފައިވާ މައްސަލަ ކުރިއަށް ނުގޮސް ދިގުލަމުން ދިއުމަކީ އެ ކޯލިޝަނުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އިދިކޮޅުން ބުނީ ކޮވިޑް19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ދަށު ކޯޓުތަކުގެ މައްސަލަތައް ވެސް ވީޑިއޯ ކޮންފަރަންސިން އުސޫލުން ކުރިއަށް ގެންދެވޭއިރު ހައިކޯޓުގެ މައްސަލަތައް ވެސް އެގޮތުގެ މަތިން ކުރިއަށް ގެންދެވެން ވާނެކަމަށެވެ.

އެހެން ކަމުން ޔާމީނަށް ގާނޫނީ ގޮތުން ލިބިދޭންހޭ ކަފާލާތުގެ ހައްގު ދެވިފައި ނުވަނީ ހައިކޯޓުގައި އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި ގޮތެއް ނިންމުމުގައި ލަސްތަކެއް ނުވާނެތީ ކަމަށް ބުނެފައިވާތީ އާއިއެކު، އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފް ކުރެވިފައިވާ މައްސަލަ އަވަސްކޮށްދެއްވުން އެދި ކަމާ ބެހޭ ފަރާތްތަކަށް ޕީޕިއެމް/ޕީއެންސީން ވަނީ ގޮވާލާފައެވެ.