ދުބާއީ އިން 7 ޓަނުގެ ކާގޯ ހިފައިގެން ގައުމީ އެއާލައިން މޯލްޑިވިއަންގެ ފަލައިޓު ރޭގެ ވަގުތެއްގައި ރާއްޖެ އަތުވެއްޖެއެވެ.

މޯލްޑިވިއަން އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ އެއާލައިނުގެ ފްލައިޓުގައި 6700 ކިލޯ ކާގޯ، ދުބާއީ އިން ރާއްޖެއަށް ގެނެސްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

މޯލްޑީވިއަން އިން ވަނީ މީގެ ކުރިންވެސް އެކި ގައުމުތަކުން ރާއްޖެއަށް ކާގޯ ގެނެސްފައެވެ. އެގޮތުން މޯލްޑިވިއަންގެ ފްލައިޓުންވަނީ ތައިލެންޑުން 12 ޓަނުގެ ކާގޯ ރާއްޖެއަށް ގެނެސްފައި ވެއެވެ. އަދި މީގެ ކުރިންވެސް ވަނީ 10 ޓަނުގެ ކާގޯ ތައިލެންޑުން ރާއްޖެ ގެނެސްފައެވެ. އަދި މޯލްޑިވިއަން އިން ވަނީ އަވަށްޓެރި ސްރީލަންކާއަށް ގޮސް 10 ޓަނުގެ ކާގޯ ހިިފައިގެން އެނބުރި ރާއްޖެ އައިސްފައެވެ. މޯލްޑިވިއަން އިން ބުނެފައިވަނީ، އިންޑިއާ، ބެންކޮކް އަދި ދުބާއި ފަދަ ތަންތަނުން މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމާއި ގުޅިގެން، ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ބައެއް ގައުމުތައް މިހާރު އޮތީ ލޮކްޑައުންގައެވެ. އެހެންކަމުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އެގޮތުން ރާއްޖެއަށް މުދާ ގެނައުމުގައި ދަތިނުވާނެ ގޮތް ހެދުމުގެ ގޮތުން މޯލްޑިވިއަން އިން ވަނީ އިތުރު ފްލައިޓްތައް ވެސް ބާއްވަން ނިންމައިފައެވެ.