އިއްޔެއާއި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ނުފެންނާތީ "ގިނަ ބައެއްގެ ހިތަށް ވެރިވަމުން ދިޔަ ނުތަނަވަސްކަން" އޭނާ ފިލުވައި ދެއްވައިފިއެވެ.

މި ދެރެއަކު ޕްރެސް ކޮންފަރެންސުން އޭނާ ނުފެންނާތީ އެކި މީހުން ވާހަކަ ދައްކަމުން ދިޔައީ އެކި ގޮތަށެވެ. އެއް ބަޔަކު ބުނީ، ޕްރެސް އަށް މަބްރޫކު ވަޑއި ނުގަންނަވަނީ އޭނާ ވިދާޅުވެފައި އޮތް ގޮތަށް "ކޮންމެވެސް ދޮގެއް ހައްދަވަން ޖެހިވަޑައިގެން އެކަން ނުކުރައްވަން ވެގެން" ކަމަށެވެ. އެ އިޝާރާތް ކުރަނީ، މަބްރޫކު ދޭތެރެ ދޭރެއިން ވިދާޅުވާ ވާހަކަ އަކަށެވެ. މަބްރޫކު ވިދާޅުވެފައި ވަނީ ޕްރެސް ކޮންފަރެންސުގައި ދޮގެއް ހައްދަވަން ޖެހިވަޑައިގެންފި ނަމަ އެ ގޮނޑީގައި ނީންނަވާނެ ކަމަށެވެ.

ނަމަވެސް މަބްރޫކު މި ދެރެއަކު ވަޑައި ނުގަންނަވަނީ "ދޮގެއް ހައްދަވަން ޖެހިވަޑައިގަނެގެނެއް" ނޫނެވެ. އޭނާ ވިދާޅުވީ "ކުޑަ ކޮށް ބަލިކޮށް އުޅުއްވާތީ ޑޮކްޓަރުގެ ލަފާގެ މަތިން އަޑަށް ލުޔެއް ދޭން ނިންމެވީ" ކަމަށެވެ. އަދި ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވަރަށް އަވަހަށް ބައިވެރިވެ ބައްދަލު ކުރައްވާނެ ކަމަށެވެ.

މަބްރޫކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިވަޑައިގަތީ މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް ބާއްވާ ޕްރެސްތަކުގައި އޭނާ ދެއްވާ ޖަވާބުތަކާ ގުޅިގެންނެވެ.

ކޮންމެ ދުވަހަކުވެސް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މިދިޔަ ދެ ރެއަކު މަބްރޫކް ނުފެނުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސުވާލުއުފައްދާ، ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފައެވެ.

މަބްރޫކު ޕްރެސްތަކުން ނުފެންނާތީ އެކަމުގެ "ހިތާމައިގައި ތިބި އެތައް ބަޔަކަށް" މިހާރު ހިތްހަމަޖެހުމެއް ލިބޭނެއެވެ. ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި "ގިސްލާ ރޯ" އިމޯޝަނާއެކު މަބްރޫކު "މިސްވެގެން" އެވާހަކަ ދައްކާ މީހުންނަށް ލަހެއް ނުވެ މަބްރޫކު ފެންނާނެއެވެ.

މަބްރޫކް ވަނީ މިދަނޑިވަޅުގައި ވެސް އިޖުތިމާއީ ގައިދުރުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ އިތުރުން ގޭގައި އުޅުމަށާއި ގިނަ ގިނައިން އަތްދޮވުމަށް އާންމުންނަށް އިލްތިމާސް ކުރައްވާފައެވެ.