މިމަހުގެ 13 ވަނަ ދުވަހާއި 16 ވަނަ ދުވަހު ތިން ގައުމަކަށް ރެސްކިއު ފްލައިޓް ހަމަޖައްސައިފިއެވެ. އެއީ އިންޑިއާގެ ކޮޗިން އަދި ބެންގަލޯ އާއި ނޭޕާލްގެ އިތުރުން ބަނގްލަދޭޝް އަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ނޭޝަނަލް ޑިޒާޒްސްޓާ މެނޭޖްމެންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އަދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަުގެ ޑިރެކްޓާ ހިސާން ހަސަން ވިދާޅުވީ މިމަހުގެ 13 ވަނަ ދުވަހާއި 16 ވަނަ ދުވަހު ރެސްކިއު ފްލައިޓް ބާއްވަން ހަމައްސާފައިވާ ކަމަށެވެ.

އެގޮތުން ބައްވާ ފްލައިޓުގައި އިންޑިއާގެ ކޮޗިން އާއި ބެންގަލޫރުން އައުމަށް ހަމަޖެހިފައި ވަނީ 150 މީހުން ކަމަށާއި ނޭޕާލް އަދި ބަނގްލަދޭޝުން އައުމަށް ހަމަޖެހިފައި ވަނީ 69 މީހުން ކަމަށް އޭނާ ވިދާޅުވިއެވެ. އަންނަ މީހުންގެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެއީ އަދި ޔަގީން އަދަދު ނޫން ކަމަށްވެސް ހިސާން ވިދާޅުވިއެވެ.

މިމަހު 13 ވަނަ ދުވަހަށް އިންޑިއާގެ ކޮޗިން އަދި ބެންގަލޫރު ދެ ސަރަހައްދަށް ރެސކިއު ފްލައިޓް ހަމަޖައްސާފައިވާއިރު، ނޭޕާލާއި ބަންގްލަދޭޝަށް ރެސްކިއު ފްލައިޓް ހަމަޖައްސާފައި ވަނީ މިމަހު 16 ވަނަ ދުވަހަށެވެ.

އިތުރު ރެސްކިއު ފްލައިޓްތަކެއް ހަމަޖެހިފައި ވާއިރު، ޓްރިވެންޑްރަމްގައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް މޯލްޑިވިއަން އިން މާދަމާ ދަތުރު ކުރާނެ ކަން ވަނީ އިއުލާން ކޮށްފައެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ދިވެހި ސަރުކާރުން ދަނީ ބޭރުގެ ގައުމުތަކުގައި ތިބި ގިނަ އަދަދެއްގެ ދިވެހިން މޯލްޑިވިއަންގެ އެހީތެރިކަމާއެކު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން މޯލްޑިވިއަން އިން ވަނީ ލަންކާގައި ތިބި ދިވެހިންގެ ތެރެއިން 100 އަށްވުރެ ގިނަ މީހުން ރާއްޖެ ގެނެސްފައެވެ. އަދި އިންޑިއާގެ ކޮޗިން އިން ރާއްޖެ 189 މީހުން ވަނީ ރާއްޖެ ގެނެސްފައެވެ. މީގެއިތުރުން މެލޭޝިއާއިން 200 މީހުން ވަނީ ގެނެސްފައެވެ.