ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށް އިސްތިއުނާފް ޝަރީއަތް އަވަސްކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.
އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 ގެ ބިރު ރާއްޖެ އަށް ވެސް އޮތްއިރު ޔާމީންގެ އިސްތިއުނާފް ޝަރީއަތް ކުރިއަށް ނުގޮސް ދިގުލައިގެންދާތީ އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ.
އަދި ޖަލުތަކުގައި ތިިބި ސިޔާސީ ކުށްވެރިން މި ދުވަސްވަރު މިނިވަން ކުރަން އދ. އިން ވެސް ގޮވާލާފައިވާ ކަމަށާއި އެގޮތަށް އެހެން ގައުމުތަކުން އަމަލު ކުރަމުން ދާއިރު، ޔާމީން އަދިވެސް ޖަލުގައި ބާއްވައިގެން އެކި ގޮތްގޮތުން ނިކަމެތިކަން ދިނުމަށް މަސައްކަތް ކުރާތީ އެކަމާ މެދު ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައިވަނީ ވީޑިއޯ ކޮންފަރެންސްކޮޮށް ބައެއް ކޯޓުތަކުން ޝަރީއަތްތައް ކުރިއަށް ގެންދާއިރު ހައި ކޯޓުގެ ޝަރީއަތްތައް ވެސް އެގޮތަށް ކުރިއަށް ގެންދެވެން ޖެހޭނެ ކަމަށާއި އެހެންވެ، އެ މައްސަލަ އަވަހަށް ކުރިއަށް ގެންގޮސްދޭން ގޮވާލާ ކަމަށެވެ. އަދި މިފަދަ ދުވަސްވަރެއްގައި އެއްބައިވަންތަކަށް އިސްކަން ދިނުމަށްޓަކައި ޔާމީން ގެއަށް ބަދަލު ކުރަން ވެސް ގޮވާލާ ކަމަށް އެ ބަޔާނުގައިވެއެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމުގައި ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލާގެ ބައެއް އަޑުއެހުންތައް ހައި ކޯޓުން ކުރިއަށް ގެންދިޔަ ނަމަވެސް އެ މައްސަލަ ނިމުމަކާ ގާތަށް އަދި ނުދެއެވެ.
ޔާމީންގެ އިސްތިއުނާފް ޝަރީއަތް އަވަސްކޮށް ދިނުމަށާއި އެމަނިކުފާނު ގެއަށް ބަދަލު ކޮށްދޭން އިދިކޮޅު ކޯލިޝަނުން ގޮވާލިއިރު، އިސްތިއުނާފް ނިމެންދެން ކަފާލާތުގެ ދަށުން ޔާމީން މިނިވަންކޮށް ދޭން ހައި ކޯޓުގައި ވެސް ޔާމީންގެ ފަރާތުން ކުރިން ވަނީ އެދިފައެވެ. ނަމަވެސް ހައި ކޯޓުން ނިންމާފައިވަނީ ޔާމީންނަށް ކަފާލާތު ދެވެން ނެތް ކަމަށެވެ.