ރާއްޖެއަށް ގެންނަން ނިންމާފައިވާ ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ހެލްތު މިނިސްޓަރު އަރިހުން އޮޅުން ފިލުވުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހުށައަޅައިފިއެވެ.
މަޖިލީހުގެ ރައީސަށް އެ ހުށަހެޅުން ހުށަހަޅާފައި ވަނީ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު ހައިތަމް އަހުމަދެވެ. އިއްޔެ މަޖިލީހުގެ ރައީސަށް އެޑްރެސް ކުރައްވައި ހައިތަމް ފޮނުއްވި ސިޓީގައި ވަނީ ވެންޓިލޭޓަރުތަކާ ގުޅޭގޮތުން އޮޅުންފިލުވަން ބޭނުން ވާ 10 ސުވާލެއް ހިމަނުއްވާފައެވެ.
އެއީ ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ގޮތާއި، އެ މަސައްކަތް ކުރިއަށްދާ ޕްރޮސެސްގެ އިތުރުން، މިހާތަނަށް ވެންޓިލޭޓަރުތައް ލިބިފައި ނުވަނީ ކީއްވެތޯއާއި، އެކަމުގެ އެންމެ ފަހުގެ ހަބަރަކީ ކޮބައިކަން ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ އަރިހުން ސާފު ކުރެއްވުމަށް ހުށައަޅުއްވާފައެވެ.
ހެލްތް މިނިސްޓަރު ހާޒިރުކުރުމަށް ހުށައަޅުއްވާފައި ވާއިރު، ނިމިގެން މިދިޔަ ހަފުތާ ތެރޭގައި ވެންޓިލޭޓަރުތައް މާލެ އަންނާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މީގެ ކުރިން ވަނީ ވިދާޅުވެފައި ވެއެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް ވިދާޅުވެފައި ވަނީ، ރާއްޖޭގެ އެކި އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގަ އާއި، މާލޭގެ ހޮސްޕިޓަލްތަކާއި، އަމިއްލަ ހޮސްޕިޓަލުތަކާއެކު ޖުމްލަ މުޅި ރާއްޖޭގައި މިވަގުތު 97 ވެންޓިލޭޓަރު ހުރިކަމަށެވެ.
އޭގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވެސް ވަނީ 70 ވެންޓިލޭޓަރު ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި އެތަކެތި ހުޅުމާލޭގައި މިހާރު ގާއިމު ކުރެވޭ ފެސިލިޓީ ނިމެން ވާއިރަށް ގެނެވޭނެ ކަމަށްވެސް އެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވެފައި ވެއެވެ.
ހަމަ ގަމާރުން. ކުރާނެ ކަމެއް ނެތިގެންތޯ ތިޔަައުޅެނީ
މިނިސްޓަރުކުރެން އަހާނެ ކަމެއް ނެތް. މަބްރޫކް ކުރެން އަހާ. ހެއްދެވިހާ ދޮގު ހަދާފަ އޮޅުވާލާކަށް މަ ނުހުންނާނަމޭ ބުނީމަ އެއޮތީ ހަމަވެފަ.