އދ ވަކަރުފަޅި ރިސޯޓުގެ މުވައްޒަފުން ނޯޕޭއަށް ދިއުމަށް އެ ރިސޯޓުން މަޖުބޫރު ކުރާކަމަށާއި ރޯދަ ބޯނަސްވެސް ނުލިބޭ ކަމަށް ބުނެ ރިސޯޓުގެ ގިނަ މުވައްޒަފުންތަކެއް އިހުތިޖާޖު ކުރަމުން އެބަދެއެވެ.
ވަކަރުފަޅި ރިސޯޓުގެ އެޗްއާރް ގައި މަސައްކަތް ކުރައްވާ ބޭފުޅުކު "ދަ ޕްރެސް" އަށް މައުމޫމާތު ދެއްވަމުން ވިދާޅުވީ މާ ބޮޑު ކަމެއް ހިނގައިގެން ނޫޅޭ ކަމަށާއި އެ ރަށުގެ މުވައްޒަފުން، އެ މީހުންގެ ހިޔާލު ފާޅު ކުރަނީ ކަމަށެވެ.
ނަމަވެސް އެކަމާ ގުޅިގެން ވަކަރުފަޅި ރިސޯޓުގައި މަސައްކަތް ކުރާ، މުވައްޒަފަކު ބުނީ މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ ރިސޯޓުގައި އޭނާ ހުންނަނީ ނޯޕޭގައި ކަމަށާއި އެކަމާ ގުޅޭ ލިއުމެއް އެއްޗެއް އެ ރިސޯޓުން އޭނާއަށް ދީފައި ނުވާ ކަމަށެވެ. ނަމަވެސް މިދިޔަ މަހުގެ މުސާރަ ޖަމާވި ކަމަށާއި އެ ރަށުގައި މަސައްކަތް ކުރާ ބިދޭސީންނަށް ރޯދަ އެލަވަންސް ނުލިބޭ ކަމުގެ ޝަކުވާ އެބަ އޮތް ކަމަށެވެ. އަދި އެ އިހުތިޖާޖު މިވަގުތު ހުއްޓާލާފައިވާ ކަމަށާއި ނަމަވެސް މާދަމާ 10 ޖަހާއިރު އަނެއްކާ ފަށާނެ ކަމަށް އޭނާ ބުނެއެވެ.
ވަކަރުފަޅީގެ އިހުތިޖާޖުގައި ބައިވެރިވަމުންދާ މުވައްޒަފުންގެ ޝަކުވާތައް ހިއްސާކުރަމުން ސޯޝަލްމީޑިއާގައި ބުނެފައި ވަނީ ގޯސް ކޮށް ހުރި ކަން ކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުންވެސް އަދި މެނޭޖުމަންޓުގައި ތަކުރާރުކޮށް އެދުމުންވެސް އެދެވޭ ހައްލެއް އައިސްފައި ނުވާ ކަމަށާއި ގާނޫނު އަސާސީގެ 31 ވަނަ މާއްދާއިން ލިބިދީފައިވާ ހައްގުގެ ބޭނުން ކޮށް ހަޅުތާލު ކުރަން ނިންމީ ކަމަށެވެ.
ވަކަރުފަޅި ރިސޯޓުގެ މެނޭޖުމަންޓުން ނިންމައިފައި ވަނީ މުސާރަ ނުލިބޭގޮތަށް މުވައްޒަފުން ފޮނުވާލަން ކަމަށާއި ރަމަޟާން މަހުގެ އިނާޔަތް މިހާތަނަށް އައި އިރު އަދި ދީފައި ނުވާ ކަމަށްވެސް އެމީހުން ބުނެއެވެ. މީގެ އިތުރުން ސާވިސް ޗާޖަށް ދޭ އެއްޗެއްވެސް ކުޑަ ކަމަށާއި އެ މުވައްޒަފުންގެ އެދުމަކީ އެފަދަ "އަނިޔާވެރި، އިހާނެތި އަމަލުތައް ހިންގާ ވިޔަފާރިތަކާ" ދެކޮޅަށް އަޑު އުފުލައިދިނުން ކަމަށް އެ މީހުން ބުނެފައިވެއެވެ.
ވަކަރުފަޅީގެ އިތުރުން ފުށިފަރު މޯލްޑިވްސްގައި މާޗު 22 އިން ފެށިގެން ބައި މުސާރައިގައި "ރިސޯޓުގެ ވެރިންނަށް އަޅު މަސައްކަތް ކުރުމަށް މަޖުބޫރު" ކުރުވައިފާވާ ކަމަށް ބުނެ ވެސް ވަޔަކު ވނީ ޝަކުވާއެއް އުފުލާފައެވެ.
ކޮންޓްރެކުޓު ކުރެވިފައިވާ ޒިންމާއާ ނުގުޅޭ ޕްރޮޖެކުޓް މަސައްކަތްތަކަށް މުވައްޒަފުން ނެރެފައި ވާ ކަމަށާއި ކެންޓީނުގައި ކާނާގެ ބާވާތްތައް މަދުކޮށް ކާތަކެތީގެ ފެންވަރު ވަނީ ދަށްކޮށްފައި ކަމަށްވެސް ބުނެފައިވެއެވެ. އެ ރިސޯޓުގައި މާޗު 22 އިން ފެށިގެން ފަތުރުވެރިއަކު ނެތް ނަމަވެސް މުވައްޒަފުންނަށް ފުރައިގެން ދެވޭނޭ އެއްވެސް އިންތިޒާމެއް ހަމަޖައްސައި ނުދޭ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ފުށިފަރު މޯލްޑިވްސްގެ މުވައްޒަފުން ކުރަމުން ގެންދާ އިހުތިޖާޖާ ގުޅޭގޮތުން އެ ރިސޯޓުގެ މެނޭޖުމަންޓުން މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ.
ރިސޯޓުތަކުގެ މުވައްޒަފުން ކުރަމުން ގެންދާ އިހުތޖާޖުތަކާ ގުޅިގެން ލޭބާ ޕާޓީގެ ސްޕޯކްސް ޕާސަން އަދި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ މެންބަރެއް ކަމަށްވާ މައުރޫފު ޒާކިރު (މަޓޭ) "ދަ ޕްރެސް"އަށް މައުލޫމާތު ދެމުން ބުނީ ބައެއް ރިސޯޓު ތަކުން މުވައްޒަފުން ފައިބައިގެން ރަށަށް ދިއުމަށް މަޖުބޫރު ކުރާ ކަމަށެވެ.
މިހާރު 11 އެއްހާ މުވައްޒަފުންގެ ވަޒިފާ ގެއްލިފައިވާ ކަމަށާއި އެކަމަށް އެދެވޭ ހައްލެއް ނުގެނެވި އެ އަދަދު އިތުރު ވަމުން ދާ ކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.
މީގެ އިތުރުން އޭނާ ބުނީ އިހުތިޖާޖު ކުރުމުގައި އިޖުތިމާއީ ގައިދުރުކަމަށް އިސްކަން ދޭ ކަމަށާއި މިހާރު އިތުރު ދެ ރިސޯޓެއް އިހުތިޖާޖުގައި ބައިވެރުވުމަށް އެދިފައިވާ ކަމަށެވެ. އިހުތިޖާޖުގެ މައިގަނޑު މަގްސަދެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ މިހާތަނަށް ސަރުކާރުން އެކަމަށް އެންމެ އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވުމާއި ރަޖިސްޓްރީ ކުރުމާ ހަމައިން ނިންމާލާފައި ވުން ކަމަށް އޭނާ ބުނެއެވެ.
މަޓޭ ބުނީ ރިސޯޓުގެ މުވައްޒަފުން ސުލުހަވެރި ހަޅުތާލަކަށް މިއަދުން ފެށިގެން ދިއުމަށް ނިންމައިފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށާއި އެކަމަށް ހައްލެއް ލިބެން ދެން، ނޫނީ ފުލުހުން އެކަން ހުއްޓުވަންދެން އެ އިހުތިޖާޖުތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް ކުރިމަތިވި ހީނަރުކަމުގެ ތެރޭގައި ވަޒީފާގައި ތިބި މީހުންގެ ވަޒީފާ ދެމެހެއްޓުމަށްޓަކައި ސަރުކާރުން ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ވިޔަފާރި ތަކަށް އެހީ ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެ އެހީ ފޯރުކޮށްދެމުން ދަނީ މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދޭ ފަރާތްތަކަށް ކަމަށް ސަރުކާރުން ބުނެއެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސޯދީ ހާލަތާ ގުޅިގެން ވިޔަފާރިތަކަށް ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައި ވާތީ، މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގޮތުން ސަރުކާރުން ލޯނު ދޫކުރުމާއި، އެނޫންވެސް ގިނަ ގުނަ ލުއިތައް ވިޔަފާރި ކުރާ ފަރާތްތަކަށް ހަމަޖައްސައި ދިނުމަށް ވަނީ ނިންމާފައެވެ.
ބައެއް ރިސޯޓުތަކުގެ މުވައްޒަފުން ނޯޕޭއަށް ފޮނުވުމަށް ރިސޯޓުން މަޖުބޫރު ކުރަމުން ދާ ކަމުގެ ޝަކުވާ އިތުރުވެފައިވާ އިރު، ކޮވިޑް-19 ގެ ސަބަބުން ވަޒީފާގެ ހާލަތަށް ބަދަލެއް އައިސްފައިވާނަމަ ޖޮބް ސެންޓަރުގައި ރިޕޯޓްކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.