ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލި މިއަހަރު އޮންނާނީ އިންތިހާ ދަށުގައި ކަމަށް، ބައިނަލްއަގުވާމީ މާލީ އިދާރާ (އައި.އެމް.އެފް)ގެ އިސްވެރިޔާ ކްރިސްޓަލީނާ ޖޯޖީވާ އިންޒާރުކުރައްވައިފިއެވެ.

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އިގުތިސޯދީ ހަރަކާތްތައް މުޅިންހެން ހުއްޓުމަކަށް އައިސްފައިވާއިރު، މި ހީނަރުކަމަކީ 1930ގެ އަހަރުތަކުގައި ދުނިޔެ ދުށް ގްރޭޓް ޑިޕްރެޝަން ނުވަތަ "ބޮޑުތަދު"ގެ ދުވަސްވަރަށްފަހު ކުރިމަތިލާންޖެހުނު އެންމެ ބޮޑު އަނދަވަޅުކަމަށްވެސް ޖޯޖީވާ ވަނީ ސިފަކުރައްވާފައެވެ.

ޖޯޖީވާ ވިދާޅުވާ ގޮތުގައި ދުނިޔޭގެ އިގުތިސޯދު އެންމެ އަވަހަށްވެސް ހެޔޮ ފާލަކަށް އެޅެން ފަށާނީ 2021 ވަނަ އަހަރުއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކާއެކު ގިނަ ކުންފުނިތަކެއްގެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާއިރު، ގިނަ އަދަދެއްގެ މަސައްކަތްތެރިންނަށް ވަނީ ވަޒީފާ ގެއްލިފައެވެ.

އދއިން އާންމުކޮށްފައިވާ ދިރާސާއެއް ބުނާ ގޮތުގައި، ދުނިޔޭގެ މަސައްކަތްތެރިންގެ އާބާދީގެ ގޮތުގައި އޮތް 3.3 ބިލިއަން މީހުންގެ 81 ޕަސެންޓް މީހުންނަކީ ކޮވިޑް-19ގެ ސަބަބުން އެމީހުން މަސައްކަތް ކުރާތަން އެކީ އެކައްޗަކަށް ނުވަތަ ވަކި މިންވަރެއް ބަންދުކޮށް، ހުއްޓާލާފައިވާ މީހުންނެވެ.

އައިއެމްއެފްގެ މެނޭޖިންގް ޑައިރެކްޓަރުގެ މަގާމުގައި އިންނެވި ޖޯޖީވާ ވިދާޅުވީ، އިގުތިސޯދަށް މިވަގުތު ކުރިމަތިލާންޖެހިފައިވާ ތަކުލީފުތަކުގެ އެންމެ ބޮޑު އަސަރެއް ކުރާނީ ކުރިއަރަމުން އަންނަ ބާޒާރުތަކަށާ، ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ކަމަށެވެ. އަދި މިތަންތަނަކީ އެތައް ބިލިއަން ޑޮލަރަކުން ބޭރުގެ އެހީ ބޭނުންވާ ތަންތަން ކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޖޯޖީވާ ވިދާޅުވީ މީގެ 3 މަސް ކުރިއަށް ބަލާއިރު، އައިއެމްއެފްގެ 160 މެމްބަރު ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ ނިސްބަތް ހެޔޮ މިންވަރަކަށް އިތުރުވެގެންދާނެ ކަމަށް އޮތީ ލަފާކުރެވިފައެވެ. ނަމަވެސް މިއަދު އެ އަދަދުތައް ވަނީ "ބޯކޮޅުވަތަށް" ވެއްޓިފައިކަމަށާ، މިހާރު ލަފާ ކުރެވޭ ގޮތުގައި 170 ގައުމެއްގެ އުފެއްދުންތެރިކަމުން ބޮލަކަށް ޖެހޭ ނިސްބަތް އުޅެނީ ސުން ރޭޓަށްވުރެވެސް ދަށުގައި ކަމަށް ޖޯޖީވާ ވަނީ ވިދާޅުވެފައެވެ.

ބަލިމަޑުކަން މިހާރު ގޮސްފައިވާ ހާލަށް ބަލާ، އަންނަ އަހަރުވެސް ކުރިއެރުމެއް ލިބޭވަރު ވާނީ މިއަހަރުގެ މެދަކާ ހިސާބުން ބަލިމަޑުކަން އޮބިއްޖެނަމަ ކަމަށް ޖޯޖީވާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ވިލާތުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ އޮކްސްފާމް ޖަމިއްޔާއިން އިންޒާރުކޮށްފައިވާ ގޮތުގައި، ކޮވިޑް-19ގެ ބަލިމަޑުކަން މުޅިން އޮބޭއިރު 7.8 ބިލިއަން މީހުންގެ އާބާދީއެއް އޮތް މި ދުނިޔޭގެ ދެބައިކުޅަ އެއްބައި މީހުން ދިރިއުޅޭނީ އިންތިހާއަށް ގޮސްފައިވާ ފަގީރު ކަމުގެ ހާލުގައެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ އިއްތިހާދު (އައި.އެލް.އޯ)އިންވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމަކީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ކުރިމަތިލާންޖެހިފައިވާ އެންމެ ނުތަނަވަސްކަން ބޮޑު ކަރިސާ ކަމަށް އިންޒާރުކޮށްފައެވެ. އަދި ވޯލްޑް އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވަލޮޕްމަންޓް (އޯ.އީ.ސީ.ޑީ)އިންވެސް ވަނީ، ދުނިޔޭގެ އިގުތިސޯދު ހެޔޮ ފާލަކަށް އެޅެން އަހަރުތަކެއް ނަގާނެ ކަމަށް އިންޒާރުކޮށްފައެވެ.