ކާފިއު އުވާލިޔަސް ބޭރަށް ނިކުމެގެން ނޫޅުމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ލީޑަރު، ޑރ. އަލީ ލަތީފް އިލްތިމާސްކުރައްވައިފިއެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިހާރު ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ލަތީފް ވިދާޅުވީ، ކާފިއު އުވާލީ، ރާއްޖޭގައި އަދި ކޮމިއުނިޓީ ސްޕެރެޑެއް ނެތުމުން ކާފިއު ދިގު ދެންމުމަކީ ގަބޫލު ކުރެވޭ ކަމަކަށް ނުވާތީ ކަމަށެވެ. ނަމަވެސް، ހާލަތަށް ބަލާ 24 ގަޑިއިރު ވަންދެން ކާފިއު ހިންގަންޖެހޭ ހާލަތެއް ވެސް އަތުވެދާނެ ކަމަށް ޑރ. ލަތީފް ވިދާޅުވިއެވެ.

ޑރ. ލަތީފް ވިދާޅުވީ، ކޮވިޑް-19ގެ ސީރިއަސްކަން ގިނަ މީހުންނަށް ނޭނގޭހެން ހީފުޅުވާ ކަމަށެވެ.

ޑރ. ލަތީފް ވިދާޅުވީ، ތަންތަނަށް ޖަމާވާއިރު، އެކަކު ގައިގައި އިންފެކްޝަން ހުރިނަމަ، އަނެކަކުގެ ގަޔަށް އިންފެކްޝަން ދިއުމުގެ ވަރަށް ބޮޑު ޗާންސެއް އޮންނާނެ ކަމަށް ޑރ. ލަތީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެގޮތަށް ތިމާ އަށް ނޭނގި ހުރެ ތިމާ ގަޔަށް އިންފެކްޝަން އަރައިފި ކަމަށް ވަނަމަ، އެމީހަކު ގެއަށް ދާއިރު، އޭނާގެ ފަރާތުން އޭނާގެ އާއިލާއަށް އިންފެކްޝަން ޖެހިގެން ހިނގާދާނެ ކަމާށެވެ.

ކާފިއު އުވާލިއަސް މަގުމަތީގައި އެއްވެސް ކަހަލަ ޒަރޫރީ ބޭނުމެއް ނެތި ގިނަ ވަގުތު ހޭދަ ނުކުރުމަށް ޑރ. ލަތީފް ވަނީ ގޮވާލައްވާފައެވެ. އަދި ތަންތަނަށް ޖަމާވެ، އެއްވެ އުޅުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ވެސް ޑރ. ލަތީފް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މިނިސްޓަރު އަމީން ވިދާޅުވީ، ކާފިއު އިއުލާން ކުރުން ފަދަ ނިންމުންތައް ނިންމަނީ ކޮންމެ ދުވަހަކު ވެސް ރާއްޖޭގެ ހާލަތު ދެނެގަނެ، ރާއްޖެ އަށް ހުރި ރިސްކްތައް ބެއްލެވުމަށް ފަހު ކަމަށެވެ. އެހެން ކަމުން މި ނިންމުންތަކަށް އަމަލު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ހިންގި ކާފިއު އުވާލާ މި ވަގުތަށް ކާފިއުގެ ކަންކަން ލުއިކުރަން ފެނުނީ އެކަމަށް ފަންނީ ފެންވަރުގައި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖެއިން މިހާތަނަށް މި ބައްޔަށް 19 މީހަކު ޕޮޒިޓިވް ވެފައިވާއިރު 13 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވީ 15 ބިދޭސީންނާއި 4 ދިވެހިންނެވެ. އޭގެ ތެރެއިން 13 ބިދޭސީއަކު ރަނގަޅުވެފައިވާއިރު، 2 މީހަކު ވަނީ ރާއްޖެއިން ބޭރުގައެވެ. މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން ދަނީ ޔޫކޭއިން ރާއްޖެ އައުމަށްފަހު ޕޮޒިޓިވްވި 4 ދިވެހިންނަށް އެކަންޏެވެ.