ކޮވިޑް-19 އާ ގުޅިގެން އަންނަ ހަފްތާވެސް ސަރުކާރު ބަންދުކޮށްފައި ވީ ނަމަވެސް އަންނަ ހަފްތާގެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ހުޅުވަން ނިންމައިފިއެވެ.

މީރާއިން ބުނީ، ސަރުކާރު ބަންދުކޮށްފައި ވީ ނަމަވެސް ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވައިގެން ވީހާވެސް މަދު މުވައްޒަފުން ނެރެގެން ކުރުމަށް ނިންމާފައިވާ ކަމަށެވެ. ސަރުކާރު އިދާރާތަކުން އޮންލައިންކޮށް ދެވެންހުރި ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދެމުން ގެންދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާތީ، މި މަހުގެ 13، 14 އަދި 16 ގައި ހިދުމަތް ދިނުމައްޓަކައި ތަސްމީކޮށް އެ އޮތޯރިތީ ހުޅުވާނެ ކަމަށް މީރާއިން ބުނެއެވެ.

ހަމައެއާއެކު ކޮވިޑް-19އާ ގުޅިގެން ޓެކްސްގެ ބަޔާން ހުށަހަޅުމާއި ފައިސާ ދެއްކުމުގެ މުއްދަތު އެ އޮތޯރިޓީ ބަންދުކޮށްފައިވާ މުއްދަތާ ދިމާވެފައި ވާތީ ބަޔާން ހުށަހެޅުމާއި، ފައިސާ ދެއްކުމުގެ އައު ސުންގަޑިއަކީ މި މަހު 13 ވާ ހޯމަ ދުވަސް ކަމުގައި މީރާއިން ބުނެއެވެ. އަދި އާމްދަނީ ޓެކްސް ނެގުމުގެ ގާނޫނުގެ ދަށޫން ރަޖިސްޓަރީ ކުރުމަށް މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަލާ ފަރާތްތައް ޖޫރިމަނާ ކުރުމަކާ ނުލައި ރަޖިސްތާ ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް މީރާއިން ބުނެއެވެ.

އަންނަ ހަފްތާގައި މީރާ ހުޅުވިފައި ހުންނަ ތިން ދުވަހުގައި އެ އޮތޯރިޓީން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، ޓެކްސް ބަޔާޏް ބަލައިގަތުމާއި، ފައިސާ ބަަލައިގަތުމާއި، ރެވެނިއު ސްޓޭމްޕް ވިއްކުމުގެ ހިދުމަތެވެ. ނަމަވެސް އޮންލައިންކޮށް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިނުވާ ހިދުމަތްތަކުގެ ފައިސާ ކައުންޓަރަށް ދެއްކޭނެ ކަމަށް މީރާއިން ބުނެއެވެ.

މީގެ އިތުރުން ރަޖިސްރީ ކުރުމުގެ ހިދުމަތާއި، ޓެކްސް ކްލިއަރަންސް އިންސްޓޯލްމަންޓް އަދި ފައިން ރިލީފްގެ ހިދުމަތާއި މީރާގެ ކޯލް ސެންޓަރު 1415ގެ ހިދުމަތް ވެސް ދެވޭނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މީރާ ކަނެކްޓް އެކައުންޓް ދޫކޮށްފައިވާ ފަރާތްތަކުން ޓެކްސް ބަޔާން ހުށަހަޅާނީ، މިރާ ކަނެކްޓް މެދުވެރިކޮށް އޮންލައިންކޮށެވެ. ހަމައެއާއެކު ޖީއެސްޓީ ރިޓާން މީރާ ކަނެކްޓް ނުވަތަ ވާރުޕޭ މެދުވެރިކޮށް ހުށަހެޅޭނެއެވެ.

ޓެކުހާއި އެހެނިހެން ފައިސާ ދައްކަން ޖެހޭނީ އޮންލައިންކޮށް ނުވަތަ އެމްއާރްޓީޖީއެސް މެދުވެރިކޮށެވެ. މީގެ އިތުރުން އަހަރީ ފީ، އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އަހަރީ ފީ، ޓްރެފިކާ ގުޅޭ ޖޫރިމަނާ، އެއާޕޯޓް ސެކިއުރިޓީ ފާސް، ވީސާ ފީ، އަދި މުދަލު ޒަކާތް މިރާގެ އޮންލައިން ހިދުމަތް ވާރުޕޭ މެދުވެރިކޮށް އޮންލައިންކޮށް ދެއްކޭނެއެވެ.

ރަޖިސްޓާ ކުރުމާ ގުޅޭ ހިދުމަތް ހޯދުމަށް އެދި ފޯމު ހުށަހަޅާނީ [email protected] އީމެއިލަށެވެ. މީގެ އިތުރުން ޓެސްކް ކްލިއަރަންސް، އިންސްތޯލްމަންޓް އަދި ފައިން ރިލީފާ ގުޅޭ ފޯމު އެ ފޯމުގައިވާ އީމެއިލް އެޑްރެހަށް ފޮނުވުމުން އެ ހިދުމަތްވެސް ދެވޭނެކަމަށް އެ ފަރާތުން ބުނެއެވެ.

ޓެކްސް ޕޭޔާ ސާވިސް ސެންޓަރުން ހިދުމަތް ދިނުމާށް ހަމަޖެހިފައި ވަނީ، ހެނދުނު 9:00 އިން މެނދުރު 13:00 އާ ދެމެދު މީރާ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ ކިއުބީ މެދުވެރިކޮށް އޮންލައިންކޮށް ޓޯކަން ނަގާ ފަރާތްތަކަށާއި، 1415 މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަދާ ފަރާތްތަކަށެވެ. ޓޯކަން ނުވަތަ އެޕޮއިންޓްމަންޓް ނެގުމަށްފަހު ނަމްބަރު ޖެހެން ކައިރިވުމުން ހިދުމަތް ހޯދަން އައުމަށާއި އިޖްތިމާއީ ގައިދުރުކަމަށް ސަމާލުވުމަށް މީރާއިން އިލްތިމާކުރެއެވެ.