58 ގައުމަކާ ސަރަހައްދެއްގެ އިތުރުން ބައިނަލްއަގުވާމީ 4 އިދާރާއަކާއެކު، ސިއްހީ އާލާތްތައް ސަޕްލައިކުރުމާ ބެހޭ އެއްބަސްވުމެއްގައި ޗައިނާގެ ކުންފުނިތަކަކުން ސޮއިކޮށްފައިވާކަން، ޗައިނާގެ ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ޗައިނާގެ ވިޔަފާރިއާ ބެހޭ ވުޒާރާގެ ތަރުޖަމާޏު ގާއޯ ފޭންގް ވިދާޅުވީ، ޗައިނާގެ ކުންފުނިތައް މެދުވެރިކޮށް ސިއްހީ އާލާތްތަކާ ވަސީލަތްތައް ހޯދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 އަށްވުރެ ގިނަ ގައުމާ، ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ތެރެއިން 10 ޖަމިއްޔާއެއް ޗައިނާއާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ޗައިނާގެ ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މާޗް މަހުގެ 1 ވަނަ ދުވަހާ އޭޕްރިލް މަހުގެ 4 ވަނަ ދުވަހާ ދެމެދު ހޭދަވީ މުއްދަތުގައި އެގައުމުން ވަނީ ބަލިމަޑުކަން ކުޑަކުރުމަށް ބޭނުންވާ މުދަލުގެ ގޮތުގައި ބޭނުންކުރާ 1.44 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފައެވެ.
މީގެ ތެރެގައި 3.8 ބިލިއަން މާސްކާ، 37.5 ސޫޓް އަދި 16000 ވެންޓިލޭޓަރާ، ކޮވިޑް-19އަށް ޓެސްޓުކުރުމަށް ބޭނުންކުރާ ކެމިކަލްގެ 2.8 މިލިއަން ޑޯޒް ހިމެނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކޮވިޑް-19ގެ ބަލިމަޑުކަން އޭގެ އެންމެ އިންތިހާ ހަލުވި ދުވެލީގައި ފެތުރެމުންދާއިރު ސިއްހީ އާލާތްތަކަށް ބޭނުންޖެހޭ މިންވަރުވެސް ދަނީ އެތައް ގުނައެއް އިތުރުވަމުންނެވެ. ނަމަވެސް ޑިމާންޑާ އެއްވަރަށް ސަޕްލައި ނުލިބުމުގެ މައްސަލައަކީ އެންމެ ތަރައްގީވެފައިވާ ގައުމުތަކަށްވެސް ކުރިމަތިލާންޖެހިފައިވާ ނުރައްކާ ބޮޑު ގޮންޖެހުމެކެވެ. ޑިމާންޑާ އެއްވަރަށް ސަޕްލައި ނެތުމުގެ ސަބަބުން އެކަމުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ވަގު ވިޔަފާރިވެރިންގެ މައްސަލަވެސް މިހާރު ދަނީ ފެންމަތިވަމުންނެވެ.
އެގޮތުން މިދިޔަ ހުކުރު ދުވަހު ޖަރުމަނުވިލާތުގެ އޮފިޝަލުން ވަނީ، ޗައިނާއިން ހައްދައިގެން ޖަރުމަނުވިލާތުގެ ވެރިރަށް ބާލިންއަށް ގެންދަން ހަމަޖެހިފައި އޮތް މާސްކު ޝިޕްމަންޓެއް އެމެރިކާއަށް ޑައިވާޓްކޮށްފައިވާކަމަށް ބުނާ މައްސަލައެއް އާންމުކޮށްފައެވެ. ޖަރުމަނުވިލާތުން ބުނީ މި ޝިޕްމަންޓް ބާލިންއާ ހިސާބަށް ފޯރުމުގެ ކުރިން ތައިލަންޑްއިން "އަތުލައިގެންފައި" ވާކަމަށެވެ. މިއީ އަމަލުގެ ގޮތުން ބަލާއިރު ޒަމާނީ ކަނޑުފޭރުން ކަމަށްވެސް ޖަރުމަނުވިލާތުން ވަނީ ސިފަކޮށްފައެވެ.