ކޮޗިން އާއި ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންނަށް ކެއާ ޕެކޭޖް ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ކޮވިޑް19 އާއި ގުޅިގެން ޓްރިވެންޑްރަމާއި، ކޮޗިންގައި ދިރިއުޅޭ ދިވެހިންގެ ގިނަ އަދަދެއްގެ ބަޔަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައި ވާތީ، އެފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މި މަހުގެ 11 ވަނަ ދުވަހު ޓްރިވެންޑްރަމަށް މޯލްޑިވިއަން އިން ދަތުރު ކުރުމަށް ހަމަޖެހިފައިވާ ފްލައިޓުގައި ދިވެހި އާއިލާ ތަކަށް ފޮނުވަން ބޭނުންވާ ތަކެތި ހިލޭ، ފޮނުވައި ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ޓްރިވެންޑްރަމާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މިފަހަރު ފުރުސަތު ދެވޭނީ ފޯމް ހުށަހަޅާ ތަރުތީބުން، އެންމެ ފުރަތަމަ ފޯމް ހުށަހަޅުއްވާ 600 ފަރާތަށް ކަމަށް މިނިސްޓްރީން ބުނެއެވެ.
އަދި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލް ކައިރީގައި ބެހެއްޓިފައިވާ ހާއްސަ ކައުންޓަރު ތަކުން ކަމަށާއި، މިމަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 08:00 އިން މެންދުރު 11:00 އަށް އަދި މެންދުރުފަހު 14:00 އިން ހަވީރު 18:00 ބަލައިގަންނާނެ ކަމަށެވެ. ޓްރިވެންޑްރަމާއި އަދި ކޮޗިންއަށް ކެއާ ޕެކޭޖް ފޮނުވުމާ ބެހޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ހޮޓްލައިން ނަންބަރު 302399 އަދި 3023943 އާއި ގުޅުއްވުމަށް ފޮރިން މިނިސްޓްރީންވަނީ އެދިފައެވެ.
ކޮޗިން އާއި ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންނަށް ކެއާ ޕެކޭޖް ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މީގެ ކުރިން ދިވެހި ސަރުކާރުންވަނީ މޯލްޑިވިއަންގެ އެހީތެރިކަމާއެކު ސްރީލަންކާ އަށާއި މެލޭޝިއާ އަށްވެސް ކެއާ ޕެކޭޖް ފޮނުވާފައެވެ. އެގޮތުން މެލޭޝިއާއަށް 7 ޓަނުގެ ކެއާ ޕެކޭޖް ފޮނުވާފައި ވާއިރު، ލަންކާއަށްވަނީ 9 ޓަނުގެ ކެއާ ޕެކޭޖް ފޮނުވާފައެވެ.