ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް ވެސް މިއަދު އޮތީ ބޮޑު ލޮޅުމެއް އަރާފައެވެ. މިކަމުން އަރައި ގަތުމަށް ހުރިހާ ގައުމަކުންވެސް ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން ނެވެ. އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގެ އިގްތިސާދަށްވެސް މިއަދު ވަނީ ބޮޑު ލޮޅުމަކާ ކުރިމަތިލާން ޖެހިފައެވެ. އެކަމާ ގުޅިގެން ދިވެހި ސަރުކާރުންވެސް ކަނޑިނޭޅި މަސައްކަތް ކުރަމުން ދާއިރު، މިފަދަ ދަނޑިވަޅެއްގައި މާލީ ދާއިރާގެ ހުރިހާ ފަރާތްތައް އެކީގައި މަސައްކަތް ކުރުމަކީ، މިވަގުތަށް އޮތް އެންމެ ރަނގަޅު ގޮތެވެ.

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އެކި ވިޔަފާރިތައް މިވަނީ ހުއްޓުމަކަށް އައިސްފައެވެ. ބައެއް ވިޔަފާރިވެރިންނަށް އިތުރު މީހެއްގެ އެހީއާ ނުލައި މިހާލަތުން އަރައިގަންނެވޭނެ ގޮތެއް ނެތެވެ. އެހެން ކަމުން ސަރުކާރުން މިވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ވިޔަފާރި ތަކަށް ތައާރަފު ކޮށްފައެެވެ. ނަމަވެސް މިކަމުގައި ހަމައެކަނި އަރައިގަންނަން ޖެހޭނީ ވިޔަފާރިވެރިން އެކަންޏެއް ނޫނެވެ. ދިވެހި ދައުލަތް ވެއްޓިފައި މިވަނީ މިއަށްވުރެ ބޮޑު އަނދަވަޅަކަށެވެ.

މުޅި ދިވެހި ދައުލަތުގެ މިސާލަކީ އާއިލާއެއްގެ މިސާލެވެ. ހަތަރު މީހުންގެ މައްޗަށް އޮންނަ އާއިލާއެއްގައި ވަޒީފާ އަދާކޮށް އާމްދަނީ ހޯދާ ވަރުގެ ދެ ކުދިން ތިއްބަސް އެތަނުން އެންމެ ކުއްޖެއްގެ އާމްދަނީ ހުއްޓުމަކަށް އައިސްފި ނަމަ މުޅި އާއިލާ ބިކަވެގެން ހިނގައިދާނެއެވެ. ދިވެހި ދައުލަތްވެސް މިއޮތީ އެފަދަ ހާލަތެއްގައެވެ. މަސްވެރިކަމާއި ފަތުރުވެރިކަމަކީ ގައުމަށް އާމްދަނީ ވައްދާ ދެ ސިނާއަތް ކަމަށް ވީ ނަމަވެސް މުޅިންހެން ބަރޯސާވެފައި އޮތީ ފަތުރުވެރި ކަމަށެވެ. ފަތުރުވެރިކަން ހުއްޓުމަކަށް އައުމުން ދައުލަތްވެސް ހުއްޓުމަކާ ހަމައަށް ދިޔައީއެވެ.

ކޮވިޑް19ގެ ހާލަތާ ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ގަވަރުނަރަށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ މައިނަސް 17.7 ޕަސެންޓަށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ވެއްޓިދާނެ ކަމަށް ލަފާ ކުރެއްވީ މީގެކުރިން ކުރިމަތިވެފައިވާ ގްލޯބަލް ފައިނޭޝަލް ކްރައިސިސްތަކާއި އަޅާ ކިޔުއްވުމަށް ފަހު ކަމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އެންމެ ބޮޑަށް ރާއްޖޭގެ އިގްތިސޯދަށްވެސް މިފަހުގެ ތާރީހެއްގައި ބޮޑު އަސަރެއް ކޮށްފައިވަނީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ކަމަށެވެ.

"އެއީ ގާތްގަނޑަކަށް 13 ޕަސެންޓް ދަށަށް ދިޔައީ. ގްލޯބަލް ފައިނޭންޝަލް ކްރައިސިސްގައި 7.7 ޕަސެންޓް. އެންމެ ގޯސް ސިނާރިއޯގައި 17.7 ޕަސެންޓު ދަށަށް ދާނެ ކަމަށް ބެލެވެނީ. އެހިސާބަށް ގޮސްފިނަމަ ހާލަތު ވަރަށް ދަށްވާނެ."
ގަވަރުނަރު

ގަވަރުނަރު އެފަދައިން ލަފާކުރެއްވި ނަމަވެސް ބައިނަލްއަގުވާމީ ވިޔަފާރިއާއި އިގްތިސޯދީ އަދި މާލީ ދިރާސާތައް ކުރުމުގައި ހަރަކާތްތެރިވާ އެމެރިކާގެ ކުންފުނި މޫޑީސްގެ ސިނާރިއޯ ތަފާތެވެ. އެކުންފުނިން ނެރުނު ރިޕޯޓެއްގައި ބުނީ، ކޮވިޑް-19އާ ގުޅިގެން އިގްތިސޯދަށް އައި ހީނަރުކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން އެކުލަވާލާފައިވާ އިކޮނޮމިކް ރިކަވަރީ ޕެކޭޖުތަކުން ރާއްޖޭގެ އިގްތިސޯދަށް އައި ހީނަރުކަމުން އަރައި ނުގަނެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ޖީޑީޕީ 3.5 ޕަސެންޓް އިތުރަށް ދަށްވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފައެވެ.

އެ ކުންފުނިން ބުނީ، ރާއްޖޭގެ ޖީޑީޕީ ދަށްވެގެން ދާނީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މުޅި އަހަރަށް ބަލާއިރު، 10 ޕަސެންޓާއި 15 ޕަސެންޓާއި ދެމެދުގެ އަދަދަކަށް ދަށްވެގެން ދިއުމުގެ ސަބަބުން ކަމަށެވެ. މޫޑީސްއިން ބުނީ، ރާއްޖޭގެ ޖީޑީޕީގެ 40 ޕަސެންޓް ހިއްސާ ކުރަނީ ފަތުރުވެރިކަމަށް ވާއިރު، ފަތުރުވެރިން އައުން ހުއްޓުމުން، މިހާރު އަޅަން ނިންމި ފިޔަވަޅުތައް އެޅިއަސް އިގްތިސޯދަށް ހީނަރުކަން އަންނާނެ ކަމަށެވެ.

މޫޑީސްއާ އެއްގޮތަށް ގަވަރުނަރު އަލީ ހާޝިމްވެސް ރާއްޖޭގެ ޖީޑީޕީ 17.7 ޕަސެންޓަށް ވެއްޓިދާނެ ކަމަށް ލަފާ ކޮށްފައިވަނީ ކޮވިޑް-19 ގެ ސަބަބުން އެއްވެސް ފަތުރުވެރިޔަކު ރާއްޖެ ނައުން ނުވަތަ ފަތުރުވެރިން ރާއްޖެއަށް މަދުން އައުމެވެ. ގަވަރުނަރު ވިދާޅުވީ މިހާރަށް ވުރެ ބޭރުގެ އެހީއަށް ބަރޯސާވެ ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ކޮންމެއަކަސް މި ހާލަތުގައި މިއީ އެމްއެމްއޭ އެކަނި މަސައްކަތް ކުރެވޭނެ ހާލަތެއް ނޫނެވެ. އަދި ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭ ގުޅިގެން އެކަނިވެސް ރާއްޖޭގެ އިގްތިސޯދު ވެއްޓިފައި މިވާ އަނދަވަޅުން އަރައިގަތުމަށް އުނދަގޫތަކެއް ހުންނާނެއެވެ.

ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ސަރުކާރުން އިގްތިސޯދު ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މަބްރޫކް ވިދާޅުވީ ރާއްޖޭގެ ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދީ އެ ވިޔަފާރިތައް އަރައިގަތުމަށް ސަރުކާރުން ވެދެމުން ގެންދާ އެހީއަކީ ވެސް ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން ސަރުކާރުން ތައާރަފު ކޮށްފައިވާ ރިކަވަރީ ޕެކޭޖުން ރިސޯޓުތަކަށް 7.7 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށް ވަނީ ނިންމާފައެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 500،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް 18،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މިއީ މިފަދަ ފަރާތްތައް މިހާރަ ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަތުމަށް ސަރުކާރުން ދޭ އެހީއެވެ.

ފަހަރުގައި މިއީ އިގްތިސޯދު ރަނގަޅު ކުރުމަށް ސަރުކާރުން ކުރާ އެންމެ މުހިއްމު އެއް މަސައްކަތަށް ވެދާނެއެވެ. އެހެންނަމަވެސް މުޅި ގައުމުގެ އިގްތިސޯދަކީ ހަމައެކަނި ވިޔަފާރިވެރިންނަށް ބަރޯސާވުން ކަމަށް ދުށުމަކީ އެންމެ ބުއްދިވެރި ގޮތެއް ނޫނެވެ. މިކަމުގައި މާލީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތައް އެކު އެކީގައި އެއް މޭޒަކަށް އަންނަން ވެއްޖެއެވެ. އެންމެން އެކު އެކީގައި ކުރާ މަޝްވަރާތަކަކީ ހަމަގައިމުވެސް އެކަމުގެ ސަބަބުން އެތައް ގޮތަކުން ފައިދާތަކެއް ކުރާނެ ކަމެއްކަން ޔަގީނެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިފަދަ މަޝްވަރާތައް ކުރަނީ އެންމެންގެ ހިޔާލު އެއްކޮށް އެތަނުން އެންމެނަށް ވެސް އެއްބަސްވެވޭ ހިޔާލެއް ހޯދުމަށެވެ. މިއަދު ރާއްޖޭގެ ހާލަތުވެސް މިވަނީ އެފަދަ މަޝްވަރާތަކަށް މުހިއްމު ވެފައެވެ.