ސަރުކާރުގެ އިގްތިސާދީ ރިކަވަރީ ޕެކޭޖްގެ ދަށުން "ކޮވިޑް-19 ވިޔަފާރި އެހީ"ގެ ނަމުގައި އެސްއެމްއީ ޑިވަލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން އާއި ފިނޭންސް މިނިސްޓްރީ އާ ގުޅިގެން ލޯނެއް ތައާރަފްކޮށްފިއެވެ.

އެސްޑީއެފްސީން ބުނީ މިއަދު ތައާރަފްކޮށްފައިވާ ލޯނަކީ މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ހަރަދުތައް ހަމަޖައްސައި ދިނުމަށާއި އެވިޔަފާރިތައް ދެމެހެއްޓުމަށް އަމާޒުކޮށްގެން، ތައާރަފްކޮށްފައިވާ ލޯނެއް ކަމަށެވެ. އެލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ ހަ ޕަސަންޓް އިންޓްރެސްޓް ރޭޓްގައި ގިނަވެގެން ތިން އަހަރު ދުވަހުގެ ތެރޭގައި އަދާކުރާ ގޮތަށެވެ.

އެލޯނުގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރީގެ ވޭތުވެދިޔަ އަހަރުގެ އާމްދަނީ 10 މިލިއަން ރުފިޔާއަށް ވުރެ ދަށްވުމާއި މިހާލަތާއި ގުޅިގެން އަދި ލޯނު އެހީދޭ މުއްދަތުގެ ތެރޭގައިވެސް އެވިޔަފާރީގެ އެއްވެސް ދިވެހި މުވައްޒަފެއް ވަކިނުކުރުން ހިމެނޭ ކަމަށް އެސްޑީއެފްސީން ބުނެއެވެ.

އަލަށް ތައާރަފު ކުރެވުނު މިލޯނުން ކޮވިޑް-19 އާ ގުޅިގެން މިހާރު ހިނގަމުންދާ އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާފަރާތް ތަކަށް ދިމާވާ މާލީ ދަތިތަކަށް ލުޔެއް ލިބި، އެވިޔަފާރިތައް ދެމެހެއްޓުމަށް ސަރުކާރާއި ގުޅިގެން އެކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމެއް ކަމަށް އެސްޑީއެފްސީން ބުނެއެވެ.

މިއަދުން ފެށިގެން އެލޯނަށް އެޕްލައިކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެއިން ފެނިފައިވުމާއި ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެސްއެމްއީ ޑިވަލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކޮށްފައިވާ ލޯނުތަކުގެ އިންޓްރެސްޓު އަނބުރާ ދެއްކުން ހަމަސް ދުވަހަށް ފަސްކުރަން ނިންމައިފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހެވެ. 6 މަސްދުވަހަށް ފަސްކުރަން ނިންމާފައިވާއިރު،އެ ހަމަސް ދުވަހުގެ އިންޓްރެސްޓް ރޭޓް ވަނީ ހަތަރު އިންސައްތަ އަށް ކުޑަކުރެވިފައިވާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.