ރޯދަމަހުވެސް އާންމުނަށް ދަތި ނުވާނެހެން ކާބޯތަކެތި ލިބެމުން ދާނެ ކަމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ އިގްތިސޯދަށް އަސަރުކޮށްފައިވާ މި ދަނޑިވަޅުގައި އާންމުންނަށް ދަތި ނުވާނެހެން ކާބޯތަކެތީގެ ބާވަތްތައް ހުސްނުވެ ލިބެމުން ދާނެ ކަމަށެވެ.

އެގޮތުން މިއަދު ރާއްޖެއަށް ވަނީ ކާބޯތަކެތީގެ ޝިޕްމެންޓެއް ގެނެސްފައެވެ. އޭނާ ވިދާޅުވީ މިއަދު ގެނައި ޝިޕްމެންޓު ގެނައީ އިންޑިއާއިން ކަމަށާއި އެ ޝިޕްމެންޓުގައި ފިޔާ، އަލުވި އަދި ބިސް ހިމެނޭ ކަމަށެވެ. އަދި އެ ތަކެއްޗަކީ ގިނަ ދުވަހަަށް ނުބެހެއްޓޭނެ ތަކެތި ކަމަށާއި ރޯދައިގެ ކުރިން އެ ތަކެތީގެ އާ ޝިޕްމެންޓް ތަކެއް ގެންނަމުން ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕެރިޝަބަލް ޝިޕްމެންޓެއް ވީމަ އަވަސް އަވަހަށް ގެންނާނެ، އެ ތަކެއްޗަކީ ގިނަ ދުވަހަށް ބެހެއްޓޭނެ ތަކެއްޗަށް ނުވާތީ، އާންމުންނަށް ދަތި ނުވާނެހެން އަބަދުވެސް ކާބޯތަކެތި ލިބެމުންދާނެ،
އެސްޓީއޯގެ އޮފިޝަލް

މީގެ ކުރިން އެސްޓީއޯއިން ބާޒާރުގައި ފިޔާ އާއި އަލުއްވާއި ބިހުގެ އަގު ދަށް ކުރަން އެސްޓީއޯއިން ވިއްކާ ފިޔާ، އަލުވި އަދި ބިހުގެ އަގު ކޮންޓްރޯލް ކޮށް އަގު ހެޔޮކޮށް ވަނީ ވިއްކަން ފަށައިފައެވެ. އަލުވި އަދި ބިސް ކޮންޓްރޯލް ކޮށްގެން އެ ކުންފުނިން ވިއްކަން ފަށާފައި ވާއިރު، އާއްމުންނަށް ބޭނުންވާ ވަރަށް އެ ބާވަތްތައް އެ ކުންފުނިން މިހާރު ލިބޭނެ ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.