ކޮވިޑް19 ގެ ސަބަބުން މިއަހަރު ބޭއްވުމަށް ހަމަޖެހުނު ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވުމުގެ ސަބަބުން މިހާރު ހިނގަމުން އަންނަ ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމާއި ގުޅޭ ގޮތުން ދެކިވަޑައިގަންނަވާ ވަކި ގޮތެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލިސް ޖަލްސާ ނިންމާލައްވާ ނަޝީދު ވިދާޅުވީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމަށް މަޖިލީހަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހަޅާފައިވާ އިސްލާހަށް ފާއިތުވި ދެ ދުވަހުގެ ތެރޭގައި 57 މެންބަރަކު ވާހަކަދެއްކެވި ކަމަށެވެ. އެ ދެ ދުވަހުގެ ޖަލްސާގައި ހައެއްކަ މެންބަރުން ނޫން ދެން ތިއްބެވި ހުރިހާ މެންބަރުންވެސް ވާހަކަދެއްކެވީ ގާނޫނުއަސާސީ އިސްލާހު ކުރުމާއި ދެކޮޅަށް ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީ އަތުގައި އެބަ އޮތް ކަމަށާއި އެގޮތުން ގާނޫނުއަސާސީ އިސްލާހުކޮށް ރިޔާސީ ދައުރު ވެސް ދިގު ދަންމާލެވިދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ގާނޫނުއަސާސީ އަށް އިސްލާހު ކުރަން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާއި އެކުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެކަމުގައި އެމަނިކުފާނު ވަކި ގޮތެއް ނުނިންމަވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މެންބަރުން ގާނޫނުއަސާސީ އިސްލާހު ކުރުމާއި ދެކޮޅަށް ވާހަކަދައްކަވަނީ މިވަގުތު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުންނެވެ. އެހެންނަމަވެސް ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު އަދި މަޖިލީހުގެ ކައުންސިލެ ޖެނެރަލް ވެސް ވަނީ އެކަމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވެފައެވެ. ސަބަބަކީ މިހާރު އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނޫން ކަމަށް ވާތީއެވެ.