ޓްރިވެންޑްރަމްގައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް މޯލްޑިވިއަން އިން ދަތުރުކުރަނީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު ކަމަށް މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް މޫސާ ވަސީމް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ، ޓްރިވެންޑްރަމްގައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް މިމަހުގެ 11 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓެއް އިންޑިޔާއަށް ދަތުރު ކުރާނެ ކަމަށެވެ. މޫސަ ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އުޅުނީ ޓިކެޓްގެ އަގުތައް ކަމަށާއި، އެގޮތުން އެމްއޭސީއެލްއާއި އެކީގަ އެކަމާ ގުޅިގެން މަޝްވަރާތަކެއް ކުރުމަށްފަހު މިހާރު ވަނީ އަގުތަކެއް ކަނޑައަޅާފަ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި ދަތުރުތަކެއް މި ގައުމުތަކަށް ކުރަމުންދާއިރު އަޅުގަނޑުމެން ޓިކްޓް ވިއްކަމުންދާނީ ކޮލޮމްބޯއަށް 220 ޑޮލަރު، ކޮޗިނަށް 149 ޑޮލަރު، ޓްރިވެންޑްރަމަށް 199 ޑޮލަރު އަދި މެލޭޝިއާއަށް 330 ޑޮލަރު"
މޫސާ ވަސީމް

މޫސާ ވަސީމް ވިދާޅުވީ ޓްރިވެންޑްރަމުން އަނބުރާ ރާއްޖެ ގެންނަނީ ދެކޮޅު ޓިކެޓް ނަގައިގެން އިންޑިޔާއަށް ދިޔަ ދިވެހިން ކަމަށާއި، އެ ދިވެހިން ރާއްޖެ އަނބުރާ އަންނަން ޓިކެޓް ނަގާފައިވަނީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހަށް ކަމަށެވެ. އެހެން ނަމަވެސް އެދަތުރު ކެންސަލް ވުމާ ގުޅިގެން އެތަނުގައި އެމީހުން ތާށިވެފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ދިވެހި ސަރުކާރުން ދަނީ ބޭރުގެ ގައުމުތަކުގައި ތިބި ގިނަ އަދަދެއްގެ ދިވެހިން މޯލްޑިވިއަންގެ އެހީތެރިކަމާއެކު ރާއްޖެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން މޯލްޑިވިއަން އިން ވަނީ ލަންކާގައި ތިބި ދިވެހިންގެ ތެރެއިން 100އަށްވުރެ ގިނަ ދިވެހިން ރާއްޖެ ގެނެސްފައެވެ. އަދި މިއަދު އިންޑިއާގެ ކޮޗިން އިން ރާއްޖެ އަންނަން ބޭނުންވި 189 މީހުން ވަނީ އަނބުރާ ރާއްޖެ ގެނެސްފައެވެ. މީގެއިތުރުން މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ މީހުންގެ ތެރެއިން 200 މީހުން ގެނައުމަށް މޯލްޑިވިއަންގެ ބޯޓެއް މިހާރު ވަނީ އެ ގައުމަށް ދަތުރު ފަށާފައެވެ. އަދި އިންޑިއާގެ ޓްރިވެންޑްރަމުންވެސް ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަށް މިމަހުގެ 11 ވަނަ ދުވަހު ގެންނާނެ ކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ.