ކޮވިޑް19 އާ ގުޅިގެން ރާއްޖެ އިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ހާލުގައި ޖެހިފައި ތިބި ދިވެހިންނަށް ޒަކާތު ފަންޑުން ތިން މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ މިހެން ވިދާޅުވެފައިވަނީ، ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ނެވެ. މިނިސްޓަރު ޒާހިރު ވިދާޅުވީ، ކޮވިޑް19އާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ހާލުގައި ޖެހިފައި ތިބި ދިވެހިންނަށް، އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ޒަކާތު ފަންޑުން ތިން މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ ހަރަދުކޮށްފައިވަނީ ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް ކޮންމެވެސް މިންވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޒަކާތު ފަންޑުގެ ފައިސާ ރަނގަޅު ގޮތުގައި ހަރަދު ކުރުމަށް ޒަކާތު ފަންޑުގެ އެޑްވައިޒަރީ ކޮމެޓީ އެއްވެސް އޮންނަ ކަމަށެވެ. އަދި އެ ކޮމެޓީގައި ތިއްބަވަނީ ދީނީ އިލްމްވެރިން ކަމަށާއި، އެފަންޑުން އެހީތެރިކަން ފޯރުކޮށްދޭން ޖެހިއްޖެނަމަ، އެކަން ކޮމެޓީއަށް ހުށަހަޅުއްވައި ކޮމެޓީން އެއީ ހަރަދުކުރަން ރަނގަޅު ކަމެއް ކަމަށް ނިންމުމުން އެކަން ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެއިތުރަށް މިނިސްޓަރު ވިދާޅުވީ، ހަރަދު ކުރުމުގައި ޝައްކެއް އުފެދޭނަމަ އެ ކަމެއް އެޑުވައިޒަރީ ކޮމެޓީއަށް ހުށަހަޅާ ކަމަށެވެ.

މީގެކުރިންވެސް ޒަކާތު ފަނޑުން ވަނީ އެކި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ވޭތުވެ ދިޔަ އަހަރު ބޭސްފަރުވާއަށް 16 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޒަކާތު ފަންޑުން ހަރަދުކޮށްގެން ލ. ގަމު މަތިމަރަދޫގައި މިސްކިތެއް އިމާރާތް ކުރުމާއި، ޒަކާތު ފަންޑުން އެހީދީގެން މީގެ ކުރިން ތެލެސީމިއާ ކުދިންނަށް ބޯންމެރޯ ހެދުމުގެ ފުރުސަތުވެސް ވަނީ ދީފަ އެވެ.