ރެސްކިއު ފްލައިޓުތަކުން ޖާގަދޭ އުސޫލު މުރާޖައާ ކުރަން ނިންމައިފިއެވެ.

މި އުސޫލު މުރާޖައާ ކުރަން ނިންމާފައިވާނީ، މޯލްޑިވިއަންގެ ރެސްކިއު ފްލައިޓުން ރާއްޖެއައި ބައެއް ފަރާތްތަކަށް ފްލައިޓުން ޖާގަ ދީފައިވާ އުސޫލާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިއުމާއެކުއެވެ. މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ފްލައިޓުތަކަށް މީހުން އެރުވުމުގައި އެންމެ އިންސާފުވެރި ގޮތަކީ ކޮބާތޯ އަލުން އަނބުރާ ބަލާލަން ޖެހޭ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، ކުއްލިއަކަށް ލިބުނު ފުރުސަތެއްގައި ބޭނުން ހިފާ ކުރިއަށް ދާއިރު ރަނގަޅު ކުރަންޖެހޭ ބައިވަރު ކަންކަން އެބަ ހުރި ކަމަށެވެ. އަދި ފްލައިޓުތަކުގެ އަގުތައް ހެޔޮ ކުރުމަށް ސަރުކާރުގެ އެކި ވުޒާރާތަކުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފްލައިޓުން ޖާގަ ދީފައިވަނީ ރާއްޖޭގެ މަތީ މަގާމުތަކުގައި ތިބި ބައެއްގެ މަސްލަހަތު ހިމެނޭ ފަރާތްތަކަކަށް ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިއުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. މިކަމާ ގުޅިގެން މަބްރޫކް ވިދާޅުވީ، މި ފްލައިޓުތަކުން ޖާގަ ދިނުމުގައި އަމިއްލަ ނުފޫޒު ބޭނުންކޮށްގެން މަތީ މަގާމެއްގައި ހުރި އެއްވެސް ފަރާތަކުން ކަމެއް ކޮށްފައިވާނަމަ، ޖަވާބު ދާރީ ވެސް ވާނެ ކަމަށާއި ފިޔަވަޅުވެސް އަޅާނެ ކަމަށެވެ. މިފަދައިން ވިދާޅުވެ، އޭނާ ވަނީ ކޮލޮމްބޯއަށް ދިޔަ ފްލައިޓުން މީހުންނަށް ޖާގަ ދީފައިވާ ގޮތް ތަފްސީލު ކޮށްދެއްވާފައެވެ.

މަބްރޫކް ވިދާޅުވީ، ލަންކާއަށް ފްލައިޓެއް ހަމަޖެހި، އެކަން އިއުލާނު ކުރިތާ 1 މިނިޓްތެރޭގައި 200 މީހުން ވަނީ ފްލައިތުން ޖާގަ ހޯދުމަށް އެދި މެސެޖްކޮށްފައި ކަމަށެވެ. އަދި 4 ގަޑިއިރުގެ ތެރޭގައި 1000 އަށްވުރެ ގިނަ މީހުން ވަނީ މެސެޖްކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް / ފޮޓޯ: ރައީސް އޮފީސް

މިކަމުގައި ސަރުކާރުން ކުރަމުން ގެންދާ ކަންކަމުގެ ތަފްސީލު ދެއްވަމުން މަބްރޫކް ވިދާޅުވީ، ކޮންމެ ގައުމެއްގައި ވެސް ތިބި ދިވެހިންނަކީ ކޮބާކަން އަދި އެމީހުން ތިބީ ކޮން ހާލެއްގައި ކަމާއި، އެމީހަކު ހުރި ހިސާބުގެ ހާލަތަކީ ކޮބާތޯ ސަރުކާރުން ބަލަމުންދާ ކަމަށެވެ. އަދި އެމްބަސީތަކުން އެގައުމެއްގައި ރަޖިސްޓާ ވެފަ ތިބި ފަރާތްތަކުގެ ތެރޭގައި ރާއްޖެ އަންނަން ބޭނުންވަނީ ކޮންބައެއްތޯ ބަލާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެމްބަސީތަކުގައި ހުރި ޑޭޓާ މޯލްޑިވިއަނަށް ވެސް އެކްސެސް ވެވޭނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މިހާރު ލަންކާގައި ތިބި ރާއްޖެ އަންނަން ބޭނުންވާ 1000 މީހުންގެ ތެރެއިން ލަންކާ ފްލައިޓުން ޖާގަ ލިބިފައި ވަނީ 100 މީހުންނަށް ކަމަށެވެ. އޭގެ ތެރެއިން 30 މީހުންނަކީ ޓީސީ ފުޓްބޯޅަ ޓީމް، 20 މީހުންނަކީ ބޭސްފަރުވާއަށް ގޮސް ތިބި މީހުންގެ ތެރެއިން އާސަންދައާ ގުޅިފައި ތިބި މީހުން، އަދި 50 މީހުންނަކީ ފަސްޓްކަމް ފަސްޓްސާވްޑް ބޭސިސްގަ ޓިކެޓް ދޫކޮށްފައި ތިބި މީހުން ކަމަށް އޭނާ މައުލޫމާތު ދެއްވައެވެ. އޭނާ ވިދާޅުވީ، މި 50 މީހުންނަކީ، ފުރަތަމަ މިނިޓުގައި މެސެޖު ކުރި 200 މީހުންގެ ތެރެއިން ސިކުންތުން ބަލައިގެން ފުރަތަމަ މެސެޖު ކުރި މީހުން ކަމަށެވެ.

މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް މޫސާ ވަސީމް / ފޮޓޯ: ރައީސް އޮފީސް

މަބްރޫކް ވިދާޅުވީ، ރާއްޖެ އަންނަން ބޭނުންވާ މީހުންގެ ލިސްޓު ވާނީ މޯލްޑިވިއަންއާ ހިއްސާކޮސްފައި ކަމަށާއި، އެ ލިސްޓަށް ބެލީމަ މޯލްޑިވިއަނަށް ވެސް ފްލައިޓުތައް ޝެޑިއުލް ކުރަނީ ކިހިނެތްކަން އިނގޭނެ ކަމަށެވެ. އަދި މި ލިސްޓު އޮއްވާ، މޯލްޑިވިއަނުން ހުޅުވާލި ފުރުސަތުގައި 1000 މީހުން މެސެޖުގު ކުރުމުން، މި މީހުންނާ މެދު އަމަލުކޮށްފައި ވަނީ ސަރުކާރުގެ ވިސްނުމާ އެއްގޮތްވާ ގޮތުގެ މަތިން ތިން ބަޔަކަށް ބަހަލައިގެން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކަންކަން ކުރާނީ މޯލްޑިވިއަން އެއާލައިނުން ކަމަށާއި، ސަރުކާރުން ވާހަކަ ދައްކަނީ، ސަރުކާރުގެ ވިސްނުމާ އެއްގޮތަށް އެކަންކަން ކުރެވޭތޯ ކަމަށެވެ. އަދި މި 3 ގޮތަށް ބެލިއަސް ކޮންމެ ބައެއްގަވެސް ރަނގަޅު ކަންތައްތަކާއި ނުރަންގަޅު ކަންކަން އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ، ރާއްޖެއިން ބޭރުގައި އުދަނގުލުގައި ތިބި ދިވެހިންނަށް އެހީވުމާއި އަދި ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމުގެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި އެ ރޮނގުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.