ދިރާގާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ ގުޅިގެން ސިވިލް ސާވިސް މުވައްޒަފުންނަށް ސަރުކާރުގެ ވިއުގަތަކަށް ހިލޭ އެކްސެސް ދިނުމަށް ނިންމައިފިއެވެ.
ދިރާގުން ބުނީ، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި ވުމުން، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއާ ގުޅިގެން ސަރުކާރުގެ މުވައްޒަފުންނަށް ގޭގައި ތިބެގެން އޮފީސް މަސަކަތްކަތް ކުރުމަށް ލުއިފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން، ދިރާގުން ފޯރުކޮށްދޭ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓްގެ ޒަރިއްޔާއިން ސަރުކާރުގެ ވިއުގަތަކަށް ހިލޭ ވަދެވޭނެގޮތް ހަދައިދީފައިވާ ކަމަށެވެ.
އެގޮތުން، މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް މެދުވެރިކޮށް ސަރުކާރު މުވައްޒަފުންނަށް ރައްކާތެރިކަމާއެކު ސަރުކާރުގެ އެކި ޕޯޓަލް ތަކަށް ހިލޭ ވަދެވި، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް އޮންލައިންކޮށް ފަސޭހަކަމާއެކު ކުރެވުމަށް މަގުފަހިވެގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.
މިދުވަސްވަރު ސަރުކާރުގެ ހުރިހާ އޮފީސްތަކާއި މުއައްސަސާތަކެއް ބަންދުކޮށްފައިވުމުން، ގޭގައި ތިބެގެން، ރިމޯޓް ވޯކިންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިންޓަނެޓްގެ ހިދުމަތް މުވައްޒަފުންނަށް މިވަނީ ވަރަށް މުހިންމުވެފައި ކަމަށް ދިރާގުން ބުނެއެވެ. އެހެންކަމުން، މިފަދަ ހާލަތެއްގައި، ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުގެ މުވައްޒަފުންގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިޔުމަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަކީ ދިރާގުން އެންމެ އިސްކަމެއް ދިން އެއްކަންތައް ކަމަށް އެ ކުންފުނިން ބުނެއެވެ.
ކޮވިޑް-19 އާ ގުޅިގެން ދިރިއުޅުމަށް ގެންނަން ޖެހިފައިވާ ބަދަލުތަކުގެ ސަބަބުން ކުރިއަށް ވުރެ ބޮޑަށް އިންޓަނެޓަށް ބަރޯސާވާން ވަނީ ޖެހިފައިއެވެ. އެގޮތުން، ކިޔެވުމަށާއި، އޮފީސް މަސައްކަތްކުރުމަށާއި، ޢާއިލާއާއި ރައްޓެހިންގެ ޙާލުބެލުމަށާއި، ވަގުތުން ވަގުތަށް މައުލޫމާތު ހޯދުމާއި މުނިފޫހިފުލުވުމަށްވެސް ބޭނުންވަނީ އިންޓަނެޓެވެ. އަދި މި ކަމުގެ ސަބަބުން އިންޓަނެޓް ބޭނުން ކުރުން ކުރިއަށްވުރެ އިތުރުވެގެން ވަނީ ގޮސްފައެވެ. އެހެންކަމުން، މި ދަނޑިވަޅުގައި ދިރާގުން ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމަށް ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ މަހުން ފެށިގެން ހިލޭ ޑޭޓާ އެލަވަންސް އަދި ޑިސްކައުންޓް ވެސް ދަނީ ދެމުންނެވެ.
ހަމަ މިއާއެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްނެންގެވުމުގެ ދަށުން، ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުން ކުރުމުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުން ދިރާގުން ވަނީ ހުރިހާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމަށް ދިރާގުން ކުރިން ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު އެޕްރީލް އަދި މޭ މަހަށް އިތުރުކޮށްފައިއެވެ.
މިގޮތުން، ހުރިހާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50 ޕަސެންޓާއި 140 ޕަސެންޓާ ދެމެދުގެ އަދަދަކަށް ޑޭޓާ އެލަވެންސް އެޕްރިލް މަހުގައި ވަނީ ދީފައިއެވެ. އަދި މޭ މަހުގައިވެސް މި އިތުރު އެލަވަންސް ކަސްޓަމަރުންނަށް ލިބިގެން ދާނެއެވެ. އަދި ހަމައެއާއެކު، ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރތަކަށް ވަނީ 50 ޕަސެންޓް ޑިސްކައުންޓް ދީފައިއެވެ.
މީގެ އިތުރުން، ދިރާގު ޕޯސްޑްޕެއިޑް ކަސްޓަމަރުންނަށް އެޕްރިލު މަހު 50 ޕަސެންޓާއި 75 ޕަސެންޓާ ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ އެލަވަންސް ވަނީ ދީފައިއެވެ. އަދި މޭ މަހުގައިވެސް މި އިތުރު އެލަވަންސް ކަސްޓަމަރުންނަށް ލިބިގެން ދާނެއެވެ. އަދި، ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން އެޕްރީލު އަދި މެއި މަހު ނަންގަވާ ޑޭޓާ އެޑް-އޮން އަށް 50 ޕަސެންޓް އިތުރު ޑޭޓާ ލިބިގެންދާނެއެވެ.
ދިރާގުން ދަނީ ސަރުކާރާއި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން މުޖުތަމައަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްނަގައިގެން ގިނަ ކަންތައްތަކެއް ކުރުމަށް މަސައްކަތްކުރަމުންނެވެ.