މޯލްޑިވިއަންގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން ޓޮޕްލެވަލްގެ މުވައްޒަފުންގެ މުސާރައިން 20 ޕަސެންތް އުނިކުރަން ނިންމައިފިއެވެ.
މިއަދު ދަރުބާރޫގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް މޫސާ ވަސީމް ވިދާޅުވީ މި ދަނޑިވަޅުގައި އައިލެންޑް އޭވިއޭޝަންގެ ގިނަ މުވައްޒަފުންތަކެއް ގޭގައި ތިބެގެން މަސައްކަތް ކުރަން ނިންމާފައިވީ ނަމަވެސް މުވައްޒަފުން މަދުކުރަން ނުވިސްނާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ހަރަދު ކުޑަ ކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށް މޫސަ ވިދާޅުވިއެވެ.
އެގޮތުން މެނޭޖުމަންޓް ލެވަލްގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓް ކުޑަކުރުމަށް ނިންމާފައި ވާ ކަން މޫސާ ފާހަގަ ކުރެއްވިއެވެ. މޯލްޑިވިއަން އަކީ، މި ފަހުން މެނޭޖުމަންޓު ލެވަލްގެ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްގެން އެތައް ބައެއްގެ ފާޑުކިޔުން އަމާޒު ވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހަށްވެސް ހާޒިރުކޮށްފައިވާ ކުންފުންޏެއްކަން ފާހަގަ ކޮށްލެވެއެވެ.
ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދީ ގޮތުން އަންނަ ގޮން ޖެހުން ތަކާއެކުގައި ދަތުރު ފަތުރުކުރުމުގެ މަސައްކަތް ކުރާ ފަރާތަތަކަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް މޫސާ ވިދާޅުވިއެވެ.
ފަތުރުވެރިކަމަށް ބަރޯސާ ވެފައިވާ ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމުގައި މޯލްޑިވިއަން އަކީ ގިނަ މަސައްކަތްތަކެއް ކުރަމުން ދާ ކުންފުންޏެއް ކަމަށާއި ނަމަވެސް ފަތުރުވެރިން އައުން މަޑުޖެހުމާ އެކު އެ ކުންފުންޏަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތި ވެފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.
ކޮވިޑް-19އާ ގުޅިގެން ބައެއް އަމިއްލަ ކުންފުނިތަކާއި ވިޔަފާރިވެރިން އަންނަނީ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ވަޒިފާއިން ވަކިކުރަމުންނެވެ. ނަމަވެސް އެއްވެސް ތާކުން މުވައްޒަފުން ވަޒީފާ އިން ވަކި ނުކުރުމަށް ސަރުކާރުން އަންނަނީ ބާރު އަޅަމުންނެވެ. އަދި މި ހާލަތުގެ ސަބަބުން މާލީ ދަތިކަން ދިމާވާ ކުންފުނިތަކަށް ހާއްސަ ޕެކޭޖުތަކެއް ތައާރަފު ކޮށްފައި ވާއިރު، މި ހާލަތާއި ގުޅިގެން ވަޒީފާއިން ވަކި ކުރާ މުވައްޒަފުންނަށް ތިން މަހުގެ ހާއްސަ ބޯނަހެއް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.