ކައުންސިލްތަކުގެ އުމުރު ދަށްމާލެވެން އޮތީ ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

އޭޖީ ރިފްއަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖޫން މަހުގެ ތިން ވަނަ ދުވަސް ފަހުން ކައުންސިލްތައް ދެމިއޮންނާނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކަމަށެވެ. އަދި ރައީސް ގާނޫނު އަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނު ނުކުރައްވާ ކަމަށާއި، އެހެންކަމުން ގާނޫނު އަސާސީ އިސްލާހު ކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އޭޖީ ރިފްއަތު ވިދާޅުވިއެވެ.

އޭޖީ ރިފްއަތު މިހެން ވިދާޅުވެފައިވާއިރު، ކޮވިޑް19 ގެ ސަބަބުން ރާއްޖޭގައި މިއަހަރު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވުމުގެ ސަބަބުން މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ގާނޫނު އަސާސީ އަށް ހުށަހަޅާފައިވާ އިސްލާހު މި ދަނޑިވަޅުގައި ގެނައުމާއި ދެކޮޅު ހަދާ ފަދަ މޭރުމަކުން ރައްޔިތުން މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ވާހަކަ ދައްކަވާފައެވެ. އާޒިމްގެ އިތުރުން ބައެއް މެންބަރުންވެސް ވަނީ ގަނޫނޫ އަސާސީ އިސްލާހު ކުރުމާއި ދެކޮޅު ހަދާފައެވެ.

މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ދަންމާލަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައިވަނީ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް)އެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ އެ އިސްލާހު ފާސްވުމަށްފަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނީ ލޯކަލް ކައުންސިލް އެކުލެވޭ ގޮތް ކަމަށް އަދި އެ ކައުންސިލްތައް އިންތިހާބު ކުރަންޖެހޭ ގޮތް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އެ ކައުންސިލްތަކަށް އަލަށް އިންތިހާބު ކުރެވޭ މެންބަރުން އެމީހުންގެ މަގާމާއި ހަވާލުވަންދެން ގާނޫނު އަސާސީއަށް ގެންނަ މި އިސްލާހަށް އަމަލު ކުރަން ފެށުމުގެ ކުރިން އިންތިހާބު ކޮށްފައިވާ އަދި މި އިސްލާހަށް އަމަލުކުރަން ފަށާއިރު މަގާމުގައި ދެމި ތިބި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުން އެ މީހުންގެ މަގާމުގައި ދެމި ތިބޭނެ ކަމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގައިވެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވަނީ ގައުމަށް މިފަދަ ދަނޑިވަޅެއް ދިމާވެފައިވާއިރު ގާނޫނުއަސާސީގައި އަތްނުލުމަށް އިލްތިމާސްކޮށްފައެވެ. އޭނާ ވިދާޅުވީ މިފަދަ ހާލަތްތަކުގައި ގާނޫނުއަސާސީގައި އަތްލާ އެއަށް ބަދަލުތައް ގެނައުމަށް މަސައްކަތް ކުރާނީ ހުދުމުހުތާރު ވެރިން ކަމަށެވެ.

އާޒިމް ވިދާޅުވީ މިހާރު ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ބޮޑެތި ބާރުތަކެއް ލިބިގެންދާ ކަމަށާއި އެގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަރަށް ގިނަ ކަންކަން މަނާ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އާޒިމް ވަނީ ބައެއް ކަންކަން ފާހަގަކުރައްވާފައެވެ.

"ގާނޫނުއަސާސީގައި އަތްލައިފި ކަމަށްވާ ނަމަ، ހުދުމުހުތާރު ނުބައި ވެރިއަކު ހުންނަ ވަގުތެއްގައި ގާނޫނުއަސާސީގައި އޮންނަ ވެރިކަމުގެ ބާރާއި މަޖިލިސް އުވާލުން މިހެން ގޮސް ނުކުރެވޭނެ އެތައް ބާރުތަކެއް އަތަށް ދަމައިގަތުމުގެ ފުރުސަތު އެބައޮތް،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ މިހާލަތު އަރައިގަތުމަށްފަހު ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަން ބޭނުން ނަމަ އެ ބަދަލުތަކެއް ގެނައުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެފައެވެ.