ކ. ގުރައިދޫގައި ހުންނަ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތް ކުރާ ކެއާ ވޯކަރުންގެ އެއްވެސް ކަންބޮޑުވުމެއް އޮތް ކަމަށް ވާނަމަ ޖެންޑާ މިނިސްޓްރީއާ ހިއްސާ ކުރުމަށް އިލްތިމާސް ކޮށްފިއެވެ.

މިރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދަ ޕްރެސް' ގެ ނޫސްވެރިއާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާތަކުގެ ފްރަންޓް ލައިންގައި މަސައްކަތްކުރާ މީހުންގެ އިހްސާސްތައް ތަފާތުވާނެ ކަމަށެވެ. އެގޮތުން ގުރައިދޫ މަރުކަޒުގައި މަސައްކަތް ކުރާ ކެއާ ވޯކަރުންގެ ކަންބޮޑުންވުން ހިއްސާ ކުރުމަށް އެދިވަޑައިގަންވަވަމުން މިނިސްޓަރު ވިދާޅުވީ، އެފަދަ ކަންބޮޑުވުންތައް ހިއްސާކުރުމުން އެކަން ރަނގަޅު ކުރުމަށް ހާއްސަ ގޮތްތަކެއް ހެެއްދެވިދާނެ ކަމަށެވެ. އެގޮތުން ޑިއުޓީއަށް ވެސް ބަދަލުތަކެއް ގެނެވިދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ މަރުކަޒުގައި މަސައްކަތް ކުރާ ފަރާތަކުން ބުނީ، ކޮވިޑް-19 އައުމުގެ ކުރިން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ މީހުން ބަލިވުމުން ޑޮކްޓަރަށް ދައްކަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ކަމަށެވެ. އަދި އެމީހުން އެޑްމިޓް ކުރީމައި ގުރައިދޫ މަރުކަޒުގެ މުވައްޒަފަކު މާލޭގައި މަޑުކުރަން ނުޖެހޭ ކަމަށް އޭނާ ބުނެއެވެ. ކޮވިޑް-19 އައި ފަހުން މިހާރު ބަލި މީހުން ގެންދަނީ ހުޅުމާލެ ހޮސޕްިޓަލަށް ކަމަށާއި އަދި އެތަނުގައި އެޑްމިޓްކޮށްފައިވާ މީހާ ކައިރީގައި މަރުކަޒުން މީހަކު ޑިއުޓީ އުސޫލުން މަޑުކުރަން ޖެހޭ ކަމަށްވެސް އެފަރާތުން ބުނެއެވެ.

މި ދަނޑިވަޅުގައި ގުރައިދޫއިން މާލެއަށް އައިސް އަދި ހުޅުމާލެއަށް ފެރީ ނުވަތަ ބަހުގައި ދަތުރުކުރަން ޖެހުމުން އެނބުރި ގުރައިދުއަށް ގޮސް އާއިލާ ކައިރިއަށް ދާން ޖެހުމުން ކަންބޮޑުވުންތަކެއް ހުރިކަމަށް އެފަރާތުން ބުނެއެވެ. އަދި ޑިއުޓީ އުސޫލުން ގަޑިތަކަށް ބަހާލައިގެން މިފަދައިން މުވައްޒަފުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދާތީ މަސައްކަތް ކުރާ އެތައް މުވައްޒަފުންނެއްގެ ޝަކުވާ އެބަހުރި ކަމަށް ވެސް އެފަރާތުން ބުނެއެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓަރު ވިދާޅުވީ، ގުރައިދޫގައި ހުންނަ ހާއްސަ އެހީދޭ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު އެޑްމިޓް ކުރެވިފައި ވާނީ އެންމެ މީހެއް ކަމަށާއި ބަލީގެ ގޮތުން އެއީ ދިގު މުއްދަތަށް އެޑްމިޓް ކުރަންޖެހޭ ފަރާތެއް ކަމަށެވެ. މި ދަނޑިވަޅުގައި އެ ބަލިމީހާއަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައި ވަނީ ގުރައިދޫ މަރުކަޒުގައި ބޭސްފަރުވާ ކުރެވެން ނެތުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އިރުއިރުކޮޅާ މާލެއަށް ގަނައުމަކީ ހުރިހާ އެންމެންނަށްވެސް އެކަމުގެ ނުރައްކާ ބޮޑުވާނެ ކަމެއް ކަމަށް ގަބޫލު ކުރެއްވޭތީ ކަމާބެހޭ ހުރިހާ ފަރާތްތަކާ އެކު ވާހަކަ ދެކެވި، ހުޅުމާލެ ހޮސްޕިޓަލަށް ބަދަލު ކުރެވުނީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ގުރައިދޫ މަރުކަޒުގައި މަސައްކަތް ކުރާ ކެއާ ވޯކަރުންގެ ކަންބޮޑުވުމަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނެކޭ އެއްގޮތަށް ފްރަންޓް ލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އޮންނަ ނުރައްކާ ފަދަ ކަންބޮޑުވުމެއް ކަަމަށެވެ. އަދި އެ މަރުކަޒުގައި މަސައްކަތް ކުރާ ކެއާ ވޯކަރުންނަށް އެކަން އެނގޭނެ ކަމަށާއި، އެމީހުންގެ ރައްކާތެރިކަމަށް ޓްރެއިނިންތައް ދެމުންދާ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.