"ކޮވިޑް ވިލެޖް" އަށް ބޭނުންވާ ވަސީލަތްތައް ހޯދުމާބެހޭ މަޝްވަރާތައް ކޮށްފިއެވެ.

"ކޮވިޑް ވިލެޖް" އަށް ބޭނުންވާ ވަސީލަތްތައް ހޯދުމާ ބެހޭ މަޝްވަރާތައް ކުރައްވާފައިވަނީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ. "ކޮވިޑް ވިލެޖް"ގެ ނަމުގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ފެސިލިޓީއަކީ، ކޮވިޑް-19 ޖެހިގެން އެންމެ ނުރައްކާތެރި ހާލަތަށްދާ ފަރާތްތަކަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ގާއިމް ކުރާ 300 އެނދުގެ މެޑިކަލް ފެސިލިޓީއެކެވެ.

ދައުލަތުގެ މީޑިއާއިން ރިސޯޓްކޮށްފައިވާ ގޮތުގައި ކަމާގުޅުންހުރި ފަރާތްތަކާއެކު މިނިސްޓާރު އަމީން ބޭއްވި ބައްދަލުވުމުގައި ވަނީ އެތަން އޮޕަރޭޓްކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެތަނަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުން ތަމްރީން ކުރުމާއި ގުޅޭގޮތުން މިނިސްޓަރު އަމީން ވަނީ މަޝްވަރާކުރައްވާފައެވެ.

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް ހިމެނޭ ސަރަޙައްދުގައި ތަރައްގީކުރާ ކޮވިޑް ވިލެޖްގެ މަސައްކަތް މިމަހުގެ 15ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެއެވެ. އަދި މިތަނުގައި، އެންމެ ނުރައްކާތެރި ހާލަތަކަށްދާ ބަލި މީހުންނަށްވެސް ސިއްހީ ރުވާ ދިނުމަށް ބޭނުންވާނެ އައިސީޔޫއާއި ވެންޓިލޭޓަރު ފަދަ ވަސީލަތްތަކާއެކު ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮވިޑް ވިލެޖްގެ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވަނީ އެމްއެންޑީއެފުން ކަމަށްވީއިރު، މިކަމުގައި އެޗްޑީސީ، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ، ފެނަކަ ކޯޕަރޭޝަން، އެސްޓީއޯ، މަސީ، އަދި އަމީން ކޮންސްޓްރަކްޝަންގެ އިތުރުން، ޕްލޭނިން މިނިސްޓްރީގެ މުވައްޒަފުންވެސް ދަނީ ބައިވެރިވަމުންނެވެ.