ދެކުނު ކޮރެއާއަށް ދަތުރުކުރުމަށް ފަހު ސްރީލަންކާއަށް ދިޔަ މީހަކު، ކަރަންޓީނު މުއްދަތު ފުރިހަމަކޮށް ގެއަށް ދޫކޮށްލިތާ 10 ދުވަސް ފަހުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަމެއް ހިނގާފައި ވަނީ މަތުގަމާ ސަރަހައްދުގައެވެ. އެމީހާ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރީ ކަންޑަކަޑު ސެންޓަރުގައި ކަމަށް މައުލޫމާތު ލިބެއެވެ. އެމީހާ ސްރީލަންކާއަށް ދަތުރުކުރީ މާޗް 10 ވަނަ ދުވަހުއެވެ. އޭގެ ފަހުން 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަކޮށް، ގެއަށް ބަދަލުކުރީ މާޗްމަހުގެ 24 ވަނަ ދުވަހުއެވެ.

ކަލުތާރާގެ ނަގޯޑާ ހޮސްޕިޓަލަށް މީގެ 2 ދުވަސް ކުރިން އޭނާ ގެންގޮސްފައިވަނީ ބަނޑުގައި ރިއްސާތީއާއި ހަމުގެ ބައްޔެއްގެ ސަބަބުން ކަމަށް މައުލުމާތު ލިބެއެވެ. އަދި ކޮވިޑް-19އަށް އޭނާ ޓެސްޓުކޮށް، ޕޮޒިޓިވްވީވެސް އެ ހޮސްޕިޓަލުގައި ކަމަށް ޚަބަރު ލިބެއެވެ. މިއާއެކު އެމީހާ އައިޑީއެޗް ހޮސްޕިޓަލަށް ބަދަލުކޮށްފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

ކަރަންޓީނުން ދޫކޮށްލި ފަހުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާއާއި އެކި ގޮތްގޮތުން ކޮންޓެކްޓް ވެފައިވާ 6 މީހަކު މިހާރުވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. ހޮނިހިރު ދުވަހު އެމީހުން އެޑްމިޓް ކުރީ ޕީސީއާރް ޓެސްޓު ހެދުމަށް ކަމަށް ސަރަހައްދީ ސިއްހީ އޮފިޝަލު ވަނީ ހާމަކުރައްވާފައެވެ.

ކޮވިޑް-19އާ ބެހޭ މާ ބޮޑު ދިރާސާތަކެއް އަދި ސާބިތު ކުރެވިފައެއް ނުވެއެވެ. ނަމަވެސް އެންމެ އާންމު އިންކިއުބޭޝަން ޕީރިއަޑް ނުވަތަ ވައިރަހުގެ އަސަރު ކުރުމަށްފަހު ބޭރުފުށުން އަލާމާތްތައް ފެންނަން ފަށާ މުއްދަތެއް ކަމުގައި ބަލަނީ 2-14 ދުވަހާ ދެމެދު މުއްދަތަކެވެ. ނަމަވެސް 21 ދުވަސް ފަހުންވެސް އަލާމާތްތައް ފެންނަން ފަށާކަމުގެ ރިޕޯޓްތަކެއްވެސް މީގެ ކުރިން ވަނީ ފެންމަތި ވެފައެވެ. ސައިންސްވެރިން އަދިވެސް ދަނީ މި ބައްޔާ ބެހޭ އިތުރު ދިރާސާތައް ކުރަމުންނެވެ.

ސްރީލަންކާގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 166 އަށް އަރާފައެވެ. ބަލިޖެހުނު މީހުންގެ ތެރެއިން 5 މީހަކު އެބަލީގައި މަރުވެފައި ވާއިރު، 27 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ސްރީލަންކާއަކީ ރާއްޖެއިން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިން ވަޒަންވެރިވެގެން ދިރިއުޅެމުންދާ ގައުމަށް ވާއިރު ދިވެހި ސަރުކާރުން ދަނީ ސްރީލަންކާގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި ފޯނުން ގުޅުއްވާ، ކޮވިޑް-19 އާ ގުޅިގެން މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.