އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުންދިޔަ ހައްދުފަހަނައަޅާފައިވާ ހަތިޔާރުއެޅި ހަނގުރާމަވެރި އައިސިސް ޖަމާއަތުގެ ލީޑަރާ، އޭނާއަށް އެއްބާރުލުން ދެމުންދިޔަ 19 ހަނގުރާމަވެރިއަކު ހައްޔަރުކޮށްފައިވާކަން އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކުން ހާމަކޮށްފިއެވެ.

އިސްލާމިކް ސްޓޭޓް އޮފް ޚޮރާސާން ޕްރޮވިންސް (އައިއެސްކޭޕީ)ގެ ނަމުގައި ހަރަކާތްތެރިވަމުންދިޔަ އައިސިސް ގޮފީގެ ލީޑަރު ޢަބްދުﷲ އުރޮކްޒާއީ ނުވަތަ އަސްލަމް ފަރޫގީ ހައްޔަރުކޮށްފައިވާއިރު، އެ ގޮފީގެ އިސް 2 ކޮމާންޑަރަކުވެސް ހައްޔަރުކޮށްފައިވާކަމަށް، އަފްގާނިސްތާނުގެ ޖާސޫސީ އިދާރާ، ނޭޝަނަލް ޑައިރެކްޓަރޭޓް އޮފް ސެކިއުރިޓީ (އެންޑީއެސް)އިން ވަނީ ހާމަކޮށްފައެވެ.

އައިއެސްކޭޕީ ޖަމާއަތުގެ އިސް ލީޑަރުންނާ ހަނގުރާމަވެރިންތަކެއް ހައްޔަރުކޮށްފައި މިވަނީ، އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ސިކުންގެ ޖަމާއަތަކުން ކުރިއަށް ގެންދިޔަ ހަރަކާތަކަށް އަމާޒުކޮށް ހަމަލާދީ، 25 މީހެއްގެ ފުރާނަ ދުއްވާލި ކަމުގެ ޒިންމާ، އެ ޖަމާއަތުން އުފުލާފައިވާ ދަނޑިވަޅެއްގައެވެ.

އައިއެސްކޭޕީއިން އަފްގާނިސްތާނުގައި އެންމެ ފުރަތަމަ ވަކި ހިއްޕާލީ ނަންގަރުހާރް ޕްރޮވިންސްގައެވެ. އަދި އެ ސަރަހައްދުން އެ ޖަމާއަތުގެ ބާރު ކަނޑުވާލާފައިވާނެ ކަން އަފްގާނިސްތާނުގެ ކަމާބެހޭ ފަރާތްތަކުން އިއުލާންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އަފްގާނިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުކޮށްފައިވާ ފާރޫގީއަކީ އަފްގާނިސްތާނުގެ އިތުރުން ޕާކިސްތާނުގެ ގުރޫޕުތަކަކާވެސް ގުޅުން އޮންނަ ވަރުގަދަ ހަނގުރާމަވެރިއެކެވެ. އައިސިސް ޖަމާއަތުގެ އަފްގާން ގޮފީގެ ލީޑަރުތަކަމާ ފާރޫގީ ހަވާލުވީ، އެ މަގާމުގައި ކުރިން ހުރި އަބޫ ސައީދު ބާޖާވޫރީގެ މަރަށް ފަހުގައެވެ.