މެލޭޝިއާގައި ތިބި ދިވެހިން ގެނައުމުގެ މޯލްޑިވިއަންގެ ފްލައިޓް ދަތުރުކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވެފައި ވަނީ މިއަދު މޯލްޑިވިއަނުން އިންޑިއާގެ ކޮޗިންއަށާއި ސްރީލަންކާގެ ކޮލޮމްބޯއަށް މޯލްޑިވިއަންގެ ފްލައިޓެއް ދިއުމަށް ނިންމާފައިވާ ކަން ހާމަކޮށްފައި ވަނިކޮށެވެ.
އެގޮތުން ޝާހިދު ވިދާޅުވީ، މެލޭޝިއާގެ ކުއަލަލަމްޕޫރަށާއި އިންޑިއާގެ ޓްރިވަންޑްރަމަށް މޯލްޑިވިއަންއިން ފްލައިޓްތައް އަޅާނެ ކަމަށެވެ. އަދި އެ ދެ ތަނަށް އަޅާ ފްލައިޓްތަކުގެ މައުލޫމާތު ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
މޯލްޑިވިއަންއިން މިއަދު ބުނެފައިވަނީ އިންޑިއާގެ ކޮޗިން އަދި ސްރީލަންކާއަށް ދަތުރުކުރާނެ ކަމަށެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް މޫސާ ވަސީމް ވިދާޅުވީ، އިންޑިއާގެ ކޮޗިންއަށް ދަތުރުކުރާނީ 200 ފަސިންޖަރުންގެ ޖާގައިގެ ފްލައިޓެއް ކަމަށާއި، ސްރީލަންކާއަސް ދަތުރުކުރާނީ 50 ފަސިންޖަރުންގެ ދެ ފްލައިޓު ކަމަށެވެ. މިހާރުވެސް ރާއްޖެއަށް އަންނަން ބޭނުންވާ ފަރާތްތައް ވައިބާއިން މެސެޖް ކުރަމުން އަންނަ ކަމަށްވެސް މުސާ ވަސީމް ވިދާޅުވިއެވެ.
މެލޭޝީއާއަށް މޯލްޑިއަވިއަންގެ ފްލައިޓް ދަތިރުކުރާނެ ކަމަށް ބުނެފައިވާ އިރު އެ ގައުމުގައި ހައި ރިސްކް އޭރިއާތަކުގައި އެތައް ދިވެހިންތަކެއް ތިބި ކަމުގެ މައުލުމާތު އަންނަނީ ލިބެމުންނެވެ. ހަމައެއާއެކު މެލޭޝިއާއާއި އިންޑިއާއަކީ ގިނައަދަދެއްގެ ދިވެހިން މަތީ ތައުލީމް ހާސިލް ކުރުމަށް ދާ ގައުމެކެވެ. މީގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމްއަކީ ގިނަ ދިވެހި އާއިލާތަކެއް ދިރިއުޅެމުންދާ ސަރަހައްދެކެވެ.
މޯލްޑިވިއަން އިން އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާ އަދި މެލޭޝިއާއަށް ދަތުރުކުރަން ނިންމާފައިވާއިރު، ނޭޕާލް އަދި ބަންގްލަދޭޝްގައިވެސް ރާއްޖެއަށް އަންނަ ބޭނުންވެފައި ތިބި އެތައް ދިވެހިންނެއް އެބަ ތިއްބެވެ. ސަރުކާރުން ދަނީ މި ތަންތަނުގައި ތިބި ދިވެހިން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
މާދަމާއިން ފެށިގެން މޯލްޑިވިއަންގެ ފްލައިތްތަކުން ރާއްޖެ އަންނަ މީހުން 14 ދުވަސް ފުރިހަމަ ވަންދެން ކަރަންިންގައިނމަޑުކުރަން ޖެހޭނެއެވެ. އަދި ކަަރންޓިންގެ މުއްދަތު ހަމަވުމަށްފަހު ދޫކޮށްލެވޭނީ ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވުމުންނެވެ.