އަވަށްޓެރި އިންޑިއާ އަދި ސްރީލަންކާގައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަންގެ ފްލައިތްތަކެއް ހަމަަޖައްސައިފިއެވެ.

މޯލްޑިވިއަނުން ބުނީ، ކޮލޮމްބޯއިން މާދަމާ އެއާލައިންގެ ދެ ފްލައިޓެއް އަދި ކޮޗިން އިން އަންނަ ހޯމަ ދުވަހު އެއް ފްލައިޓް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރާއްޖެއަށް އައުމަށް ބޭނުންވާ ފަރާތްތައް ޕާސްޕޯޓް ކޮޕީ އާއި ނަމާއި ނަމްބަރު ވައިބާ މެދުވެރިކޮށް މޯލްޑިވިއަނަށް ފޮނުވުމަށް އެ ފަރާތުން ވަނީ އެދި ޓްވީޓް ކޮށްފައެވެ.

މޯލްޑިވިއަންގެ މި ނިންމުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޝުކުރުއަޑާކުރައްވާފައެވެ. މިނިސްޓަރު ވަނީ އެ ސިޓީތަކުގައި ތިބި ދިވެހިންގެ ތެރެއިން އަނބުރާ ގައުމަށް އަންނަން ބޭނުންވާ ފަރާތްތަކަށް ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޮރިން މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.

ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އިްނޑިއާ އަދި ލަންކާއިން ދިވެހިން ގެނައުމުގެ ކަންކަން ހަމަޖެހިފައިވާ އިރު މެލޭޝިއާ އާއި ނޭޕާލް އަދި ބަންގްލަދޭޝަގައި ތިބި ދިވެހިން ގެނައުމަށްވެސް ދަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖެ އިން ބޭރުގައި ތިބި ބައެއް ދިވެހިން އަނބުރާ ގައުމަށް އަންނަން ބޭނުންވާއިރު، ކޮވިޑް-19 އާ ގުޅިގެން ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ ކަންކަމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. އެގޮތުން ބައެއް ގައުމުތަކުން ވަނީ ވަކި މުއްދަތެއް ވަންދެން އެ ގައުމުތަކަށް ބައިނަލްއަގުވާމީ ފްލައިޓުތައް ޖެއްސުން މަނާކޮށްފައެވެ.