ކާފިއު ހިންގި 2 ދުވަސް ތެރޭ ނަސޭހަތް ދިން މީހުންގެ އަދަދު 379 އަށް އަރާފައި ވާކަމަށް ކޮވިޑް ތަޖުރިމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ، އިއްޔެއަށް ވުރެ މިއަދު އަދަދުތައް ބޮޑުތަނުން އިތުރުވެފައިވާ ކަމަށާއި މާދަމާ އިން ފެށިގެން ޖޫރިމަނާ ކުރާނެ ކަމަށެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ މިއަދު ޓްރެފިކް ޕޮލިހުގެ ފަރާތުން ލިބުނު މައުލޫމާތުތަކަކީ ހިތާމަވެރި މައުލޫމާތުތަކެއް ކަމަށެވެ. އެގޮތުން އިއްޔެ ދުއްވުން މަނާ ވަގުތާއި މީހުން ނިކުތުން މަނާ ވަގުތުގައި މާލެ އިން ނަސޭހަތް ދިނީ 95 މީހަކަށް ކަމަށާއި މިއަދު މާލެއިން 284 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އިއްޔެ ހުޅުމާލެއިން 11 މީހަކަށް ނަސޭހަތް ދިން އިރު މިއަދު ހުޅުމާލެއިން 67 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ. އަދި ވިލިމާލެއިން އިއްޔެ 9 މީހަކަށް ނަސޭހަތް ދިން އިރު މިއަދު 25 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ މިއަދު ނަސޭހަތްދިން 379 މީހުންގެ ތެރެއިން 333 މީހުންނަކީ ދިވެހިން ކަމަށެވެ. ބާކީ ތިބި މީހުންނަކީ ބިދޭސީންނެވެ.

ފުލުހުންނާއި ހަވާލާދީ މަބްރޫކް ވިދާޅުވީ އިއްޔެއާއި މިއަދު މަގުމަތީގައި އުޅުނު މީހުންނަށް ނަސޭހަތް ދިން ނަމަވެސް މާދަމާއިން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އިއްޔެ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އަށް، ތިން ގަޑިއިރަށް ކާފިއު އިއުލާން ކޮށްފައި ވާއިރު، އެ ވަގުތުގައި އެޗްޕީއޭއިން އިއުލާން ކުރި އެ އެންގުމާ ހިލާފަށް މަގުމަތީގައި އުޅޭ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ މީގެކުރިން ވެސް ބުނެފައެވެ. އެގޮތުން ނަސޭހަތް ދިނުމަށް ފަހު އެކަން ތަކުރާރު ވެއްޖެ ނަމަ ޖޫރިމަނާ ކުރާނެ ކަމަށާއި ޖޫރިމަނާ ކުރާނީ 1000 ރުފިޔާއިން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އިއްޔެ އިން ފެށިގެން ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް މާލެ ސިޓީގެ މަގުތައް މައްޗަށް އާންމުން ނިކުމެ އުޅުން ހުއްޓާލުމަށް އަންގާފައި ވާއިރު، އަދި އެ ގަޑިތަކުގައި އެއްގަމު އުޅަނދު ފަހަރާއި ބަހާއި ފެރީ އަދި ޕަބްލިކް ޓްރާންސްޕޯޓު ވެސް ހުއްޓާލުމަށް ވަނީ އަންގާފައެވެ.

އެހެންނަމަވެސް ސަލާމަތީ ބާރުތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންްނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުން އެ ފިޔަވަޅުތަކުން އިސްތިސްނާވެއެވެ.

މީގެއިތުރުން އުރީދޫއާއި ދިރާގާއި ބޭންކުތަކާއި އެސްޓީއޯއާއި ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރާއި ދައުލަތުގެ "ޖީ" ބޯޑު ހަރުކޮށްފައިވާ އުޅަނދު ފަހަރާއި ޑިޕްލޮމެޓިކް އުޅަނދު ފަހަރާއި އެމްބިއުލާންސާއި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތަކާއި ފާމަސީތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރު ހިމެނެއެވެ. އަދި އެޗްޕީއޭ އިން ދޫކޮށްފައިވާ ހާއްސަ ސްޓިކާ ޖަހާފައިވާ އުޅަނދުތައްވެސް މި ފިޔަވަޅުތަކުން އިސްތިސްނާވެއެވެ.

ދުވާލަކު ހިންގާ 3 ގަޑި އިރުގެ ކާފިއު ވަގުތު ހަމަވުމާއެކު މާލޭގެ މަގުތައް އޮންނަނީ ދުއްވާ އެއްޗެއްސަ ހިނގާބިނގާވާ މީހުންނައިގެން ތޮއްޖެހިފައި ކަން ފާހަގަ ކުރެވެއެވެ.