އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އާ ގުޅިގެން ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން ސަރުކާރުގެ ވިއުގަ ޕޯޓަލްތަކަށް ހިލޭ ވަދެވޭނެ ގޮތް ހަދައި، އޮފީސް މަސައްކަތްކުރަން ފަހިކޮށްދިނުމުގެ އިންތިޒާމްތައް ކުރިއަށް ގެންދަން ފަށައިފިއެވެ.

އުރީދޫން ބުނީ، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ސުޕަނެޓް ބޭނުންކުރާ ސަރުކާރު މުވައްޒަފުންނަށް މިހާރުވެސް ސަރުކާރުގެ އެކި ޕޯޓަލްތަކަށް ހިލޭ ވަދެވޭނެ ކަމަށެވެ. މީގެ އިތުރުން އޮންލައިންކޮށް ބާއްވަންޖެހޭ މަޝްވަރާ ބައްދަލުވުންތައް ވެސް ކުރިއަށް ގެންދެވޭނެ ކަމަށް އުރީދުން ބުނެއެވެ.

ސަރުކާރުގެ ވިއުގަ ޕޯޓަލްތަކަށް ހިލޭ ވަދެވޭނެ ގޮތް ހަދައި، އޮފީސް މަސައްކަތްކުރުން ފަހިކޮށްދިނުމުގެ އިންތިޒާމްތައް ކުރިއަށް ގެންދަމުން ދާއިރު، މި އިންތިޒާމާ ގުޅޭ އިތުރު މައުލޫމާތު ސަރުކާރު މުވައްޒަފުންނަށް ކަމާ ގުޅުންހުރި މިނިސްޓްރީތައް މެދުވެރިކޮށް ލިބޭނެކަމަށް އުރީދޫން ބުނެއެވެ.

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން އިންޓަނެޓްގެ ހިދުމަތް ވަނީ މުޅި މުޖުތަމައު އާއި ވަކި ވަކި ފަރުދުންނަށް އިހުނަށް ވުރެ ބޮޑަށް ބޭނުންކުރަން ޖެހިފައި ކަމަށެވެ. ގައުމަށް ދިމާވެފައިވާ މި ނާޒުކު ދަނޑިވަޅުގައި، އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން އިސްނަންގަވައިގެން މުޖުތަމައުއަށް ލުއިފަސޭހަ ކޮށްދިނުމަށް ކުރައްވަމުން ގެންދާ މަސައްކަތް ފާހަގަކުރައްވާ މަލީހް ވަނީ އެ ކުންފިންތަކަށް ޝުކުރު ދަންނަވާފައެވެ. ހަމައެއާއެކު، އުރީދޫ ނެޓްވޯކް މެދުވެރިކޮށް ރައްކާތެރިކަމާއެކު ސަރުކާރުގެ ޕޯޓަލްތަކަށް ހިލޭ ވަދެވި، ދުވަހުން ދުވަހަށް ކުރަންޖެހޭމަސައްކަތްތައް ކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގައި އަވަސް ހިދުމަތެއް ފޯރުކޮށްދީފައި ވާތީ، އުރީދޫ މޯލްޑިވްސްއަށް މަލީހް ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓާ އަދި ޗީފް އެގްޒެކެޓިވް އޮފިސާ، ނަޖީބް ހާން ވިދާޅުވީ، މި ޕެންޑެމިކް އާ ގުޅިގެން ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ ކަމަށެވެ. އެގޮތުން ކުންފުނިތަކުގެ މަސައްކަތާއި، ދަރިވަރުންގެ ފިލާވަޅުތަކާއި އެކަކު އަނެކާ ދެމެދު ކުރެވޭ މުއާމަލާތްތައް ވެސް ވަނީ މުޅިންހެން އިންޓަނެޓް މެދުވެރިކޮށް ކުރަންޖެހިފައި ކަމަށް ނަޖީބް ހާން ފާހަގަކުރެއްވިއެވެ.

މުޅި ދުނިޔެއަށް އައިސްފައިވާ މި ބޮޑު ބަދަލާ ގުޅިގެން، މި މުޖުތަމައުއަށް ދިމާވާ ދަތިތައް ޑިޖިޓަލް ޒަރިއްޔާތައް ބޭނުންކޮށްގެން ލުއި ފަސޭހަކޮށްދީ، ސަރުކާރާއި އަދި ގުޅުންހުރި އެންމެހާ މުއައްސަސާތަކަށް އެހެނިހެން ސްޓޭކް ހޯލްޑަރުންނަށް މިފަދަ ކަންކަމުގައި އުރީދޫން އެއްބާރުލުން ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ނަޖީބް ހާން އެރުއްވިއެވެ. އެގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް، ސަރުކާރު މުވައްޒަފުންނަށް ސަލާމަތްތެރިކަމާއެކު ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިންތިޒާމް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަނާ ގުޅިގެން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަކީ އުރީދޫޢަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ނަޖީބް ހާން ވިދާޅުވިއެވެ.

ދިވެހި ސަރުކާރާއި، އެޗް.ޕީ.އޭ އަދި ކަމާ ގުޅޭ އެކި ސްޓޭކް ހޯލްޑަރުންނާއި މުއައްސަސާތަކާ ގުޅިގެން ކޮވިޑް-19 އާ ގުޅޭގޮތުން އާއްމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތެއްގައި އުރީދޫން ދަނީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.