ކޮވިޑް19ގެ ބަލިމަޑުކަމާއެކު ދިމާވާ ގޮންޖެހުންތަކާއެކު ވެސް އޯޓިޒަމް ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށް ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދަކީ ދުނިޔޭގައި އޯޓިޒަމް ދުވަސް ފާހަގަ ކުރާ ދުވަހެވެ. އެހެންކަމުން މިއަދާ ގުޅޭ ގޮތުން ރައީސް ސޯލިހް ވަނީ ޓްވީޓެއް ކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ދުނިޔޭގެ އޯޓިޒަމް ދުވަސް މިއަހަރު ދިމާވެފައި މިވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމާ މުޅި ދުނިޔެ ހަނގުރާމަ ކުރަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ. އެގޮތުން މިއަދުގެ ހާލަަތުގައި ދިމާވަމުންދާ ހުރިހާ ގޮންޖެހުންތަކަކާ އެކުގައިވެސް، ސަރުކާރު ދެމި އޮތީ އޯޓިޒަމްގެ ތަކުލީފުތައް ތަހައްމަލު ކުރަން ޖެހިފައިވާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އޯޓިޒަމްގެ ތަކުލީފްތައް ތަހައްމަލުކުރަން ޖެހިފައިވާ ފަރާތްތަކަށް އެއްބާރުލުންދޭ ޖަމިއްޔާ ނުވަތަ ޖަމާއަތްތަކާއެކު މަސައްކަތް ކުރުމައިގެން ކުރިއަށް ދިއުމުގެ ރޫހުގައި މި ސަރުކާރު ދެމިހުންނާނެ ކަމަށެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި އިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމުގެ ގޮތުން ވެވަޑައިގެން ވައުދުތައް ވަނީ ފުއްދަވާފައެވެ. އޭގެތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތަފާތު ތެރަޕިއުޓިކް ހިދުމަތްތަކަކީ އާސަންދައިގެ ތެރެއިން ހިލޭ ފޯރުކޮށްދޭ ހިދުމަތްތަކަކަށް ހެދޭނެ ގޮތަށް ހަމަޖެއްސުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ބާޒާރުގައި ހުޅުވާލެވިފައިވާ ވަޒީފާތަކަށް އަމިއްލަ އިހްތިޔާރުގައި ކުރިމަތިލާ އެ މަސައްކަތުން ދިރިއުޅުން ބައްޓަންކުރުމުގެ ފުރުސަތު ހޯދައިދިނުން ހިމެނެއެވެ.