އިސްރާއީލުގެ ޚުދުމުޚުތާރު ލީޑަރު ބެންޖަމީން ނަތަންޔާހޫ، ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް ސެލްފް-އައިސޮލޭޝަންއަށް ދާނެ ކަމަށް ބޮޑުވަޒީރުގެ އޮފީހުން މިއަދު ހާމަކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، އަންނަ ބުދަ ދުވަހުގެ ނިޔަލަށް ނަތަންޔާހޫ ހުންނާނީ އައިސޮލޭޝަންގައެވެ. ނަތަންޔާހޫ ސެލްފް-އައިސޮލޭޝަނަށް ދާ ޚަބަރު ފެންމަތިވެފައި މިވަނީ، އިސްރާއީލުގެ ސިއްހަތާ ބެހޭ ވަޒީރު ޔާކޯވް ލިޓްޒްމަންއާއި އޭނާގެ އަންހެނުންވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން ކަށަވަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ޔާކޯވް އުޅުނު ގޮތަށް ބަލާއިރު، އިސްރާއީލު ސަރުކާރުގެ ގިނަ އަދަދެއްގެ އިސްވެރިން މިހާރުން މިހާރަށް ސެލްފް ކަރަންޓީނު ނުވަތަ އައިސޮލޭޝަންނަށް ދާންޖެހޭނެއެވެ. މީގެ ތެރޭގައި އިސްރާއީލުގެ ޖާސޫސީ އިދާރާގެ އިސްވެރިޔާވެސް ހިމެނޭނެ ކަމަށް ޚަބަރު ލިބެއެވެ.

އިސްރާއީލުން މިއަދު އެކަނިވެސް 119 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިއާއެކު އިސްރާއީލުން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 6211 އަށް އަރާފައެވެ. މި ބަލީގައި އިސްރާއީލުން މިއަދު 5 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، އިސްރާއީލުން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު 31 އަށް އަރައެވެ.