ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށާއި އެކަމުން އަރައި ގަންނާނެ ގޮތްތަކެއް ރާވަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންހެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ، މިދިޔަ ހަފްތާގައި މަޖިލީހުގެ ޖަލްސާތަކުގައި ކޮވިޑް19 ގެ ސަބަބުން ދިމާވި އިގްތިސޯދީ ހީނަރުކަމުން އަރައިގަތުމާއި ގުޅޭ ގޮތުން މެންބަރުން ބަހުސް ކުރެއްވި މައިގަނޑު ސަބަބަކީ ކޮވިޑް19 ފެތުރުމުގެ ސަބަބުން އިގްތިސާދަށް އަންނަ ލޮޅުންތަކުން އަރައި ގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުން ކަމަށެވެ.

މި ބަހުސްގެ ބޭނުމަކީ މަޖިލީހުން ރައީސްއަށް ލަފައެއް އެރުވުން ކަމަށާއި، އެ ލަފައަކީ ރައީސް ނިންމާފައިވާ ސްޓިއުމިއުލަސް ޕެކޭޖާއި ފިނޭންސް މިނިސްޓަރު ނިންމާފައިވާ ކަންކަމަށް މަޖިލީހުގެ މެންބަރުންގެ ލަފައެއް އެރުވުން ކަމަށެވެ.

" ވަރަށް ގިނަ އިއްޒަތްތެރި މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި އަޅުގަނޑުމެން ރާއްޖޭގެ މިސްރާބު ބަދަލު ކުރަންޖެހޭ. އަލުން އަނބުރާ އުފެއްދުންތެރިކަމެއް ހޯދުމަށް. އަދި ބިކަވެ ނުދާނެ ގޮތްތަކެއްގެ ތަސައްވަރެއް ހޯދުމަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމިޓީ ތަކުގައިވެސް އިގްތިސޯދީ ހީނަރުކަމުން ރާއްޖެ އަރައިގަންނާނެ ގޮތްތައް ހޯދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މަޖިލީހުގެ ކޮމިޓީތަކުގައި ހިންގަމުންދާ މަސައްކަތްތަކުގެ ތެރޭގައި ފަތުރުވެރިން ރާއްޖެ އަންނާނެ ދުވަހެއް އަންދަޒާއެއް ހޯދުމަށްޓަކައި ދުނިޔޭގެ މާހިރުންތަކާއި އެކީ މަސައްކަތް ކުރުން ހިމެނޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މަސްވެރިކަމުގައި ވިޔަފާރި މިހާރު ދުނިޔޭގައި އޮތް ގޮތާއި ކުރިއަށް ވާނެ ގޮތާއި މެދުވެސް ދިރާސާ ހިންގާ އަދި ވަޒީފާ ގެއްލޭ މީހުން އަދި ދަތިވާ ފަރާތްތައް ދަނެގަނެވި ސަރުކާރުން ހިންގާ ޕްރޮގްރާމް ތަކުގެ ފައިދާއާއި މަންފާ ލިއްބައި ދިނުމަށް މަޖިލީހުގެ ފަރާތުން މަސައްކަތް ކުރަމުންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިގްތިސޯދީ ހީނަރުކަން ހަމައެކަނި އައިސްފައި ވަނީ ރާއްޖެއަށް ނޫން ކަމަށާއި، އިގްތިސޯދީ ހީނަރުކަމަކީ ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް މިހާރު ކުރިމަތިވެފައިވާ ކަމެއް ކަމަށެވެ. މިކަމުން އަރައިގަންނާނީ އެންމެން އެކީ މަސައްކަތް ކުރުމުން ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.