ދަނޑުވެރިން އުފައްދާ ބާވާތްތައް ގަނެ ވަގުތުން ފައިސާ ދިނުމަށް އެގްރިސެންޓަރެއް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް އެސްޓީއޯ ގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

މިއަދު އެސްޓީއޯގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، އެސްޓީއޯ އިން ދަނޑުވެރިކަން ކުރިއެރުމަށްޓަކައި ވަރަށް ގިނަ ކަންކަން ވިސްނަމުންގެންދާ ކަމަށާއި، އެގޮތުން ދަނޑުވެރިން ހައްދާ ބާވާތްތައް އެސްޓީއޯއިން ގަންނަން ތައްޔާރުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ކުރީބައިގަ އިއުލާން ކުރާނަން ގަންނާނެ އަގު. ހެއްދުމުގެ ކުރިން އިނގޭނެ ހައްދައިފިއްޔާ ލިބޭނެ އާމްދަނީ. އޭރުން އިނގޭނެ ހިސާބު ޖަހަން ހައްދަން ދާނެ ހަރަދާއި ހައްދަން ދާނެ މުއްދަތު އަދި އޭގެއިން ލިބޭނެ އާމްދަނީ އަކީ މިހާވަރު ކަން. އެ އޮންނަނީ ޔަގީންވެފަ" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މިވަގުތު އެސްޓީއޯގެ މިސްރާބު ހުރީ ދަނޑުވެރިން ހައްދާ ތަކެތި ވިއްކާލެވޭނެ ގޮތަށް އެސްޓީއޯ އެގްރިސެންޓަރެއް ގާއިމް ކުރުމަށް ކަމަށެވެ. އަދި އެސްޓީއޯ އިން ބޭނުންވަނީ ދަނޑުވެރިން އުފައްދާތަކެތި ގަނެ، އެތަކެއްޗަށްވާ ފައިސާ ވަގުތުން ދަނޑުވެރިންނާއި ހިސާބަށް ފޯރުކޮށްދިނުން ކަމަށް އަމްރު ވިދާޅުވިއެވެ.

" އަޅުގަނޑުމެން ބޭނުންވަނީ އެ އެއްޗެހި ގަނެ އެ އެއްޗިއްސަށް ވާ ފައިސާ ވަގުތުން ދަނޑުވެރިންނާއި ހިސާބަށް މޯބައިލް ބޭންކިން މެދުވެރިކޮށް ނަމަވެސް ފޯރުކޮށްދޭން. އެހެންވީމަ ތިބޭފުޅުން އެ ތަކެތި ހައްދަވައިގެން ގެނެސް ދެއްވާ އަޅުގަނޑުމެން ބަރާބަރަށް އެއަށްވާ ފައިސާ ދޭނަން" އަމްރު ވިދާޅުވިއެވެ.

އެސްޓީއޯ އިން ބުނީ މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެ ކުންފުނީގައި ދަނޑުވެރިއެއްގެ ގޮތުގައި ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށެވެ. އެގޮތުން ރަޖިސްޓްރީ ވުމަށް އެކަމާއި ގުޅޭ ފޯމް ފުރިހަމަ ކުރަންޖެހޭ ކަމަށާއި، އެ ފޯމް އެ ކުންފުނީގެ ވެބްސައިޓުންނާއި އަތޮޅުތަކުގެ ހުރި އެސްޓީއޯގެ ފިހާރަތަކާއި ފާމަސީ ތަކުން ލިބެން ހުންނާނެ ކަމަށެވެ. އަދި ރަޖިސްޓްރޭޝަން ކުރިއަށް ގެންދިއުމަށް ފަހު ކޮންމެ ދަނޑުވެރި އަކަށްވެސް ދަނޑުވެރިކަމުގެ އައިޑީއެއް ތިން ދުވަހުގެ ޕްރޮސެސިންގެ އެއް ނިންމުމަށްފަހު ހަވާލު ކުރެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ދަނޑުވެރިން ގޮވާން ހައްދާ ދޯންޏަށް އެރުވުމުގެ ކުރިން ރަނގަޅަށް ލޭބަލް ކުރުމަށާއި، ލޯޑް ކުރުމަށްފަހު އެސްޓީއޯގެ ހޮޓްލައިންއަށް އެންގުމަށް އެސްޓީއޯއިން ބުނެއެވެ.

އެއަށްފަހު އެތަކެތި އެސްޓީއޯއަށް ފޯރުކޮށްދިނުމުން އެސްޓީއޯގެ ކަލެކްޝަން ޕޮއިންޓުން މުދާ ބަލައި ގަންނާނެ ކަމަށާއި، އެ މުދާ ބަލައިގަތުމުގައި ހަލާކުވެފައި ހުންނަ ތަކެތި ބަލައި ނުގަންނާނެ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ. އަދި އެއަށް ލިބޭ ފައިސާގެ މައުލޫމާތު މެސެޖަކުން އަންގާނެ ކަމަށާއި، ދަނޑުވެރިޔާއަށް ލިބެންޖެހޭ ލާރި ދެ ދުވެއްހެއްގެ ތެރޭގައި ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.