ކޮވިޑް-19އާ ގުޅިގެން ސެކިއުރިޓީ މޭކެޓުގެ އިންތިޒާމުތައް ތަރުތީބު ކޮށްފިއެވެ.

މިކަމާ ގުޅިގެން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތީރިޓީ (ސީއެމްޑީއޭ) އިން ބުނީ، ސެކިއުރިޓީ މާކެޓްގެ އިންތިޒާމުތައް ތަރުތީބުކޮށްފައި ވަނީ، ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން ސަރުކާރުން ފިޔަވަޅުތައް އަޅަމުން ގެންދާތީ ކަމަށެވެ.

ސެކިއުރިޓީ މާކެޓްގެ އިންތިޒާމުތައް ތަރުތީބުކޮށްފައިވާ ގޮތް:

ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ އަހަރީ ރިޕޯޓާއި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް އާންމުކުރުން

ސީއެމްޑީއޭން ބުނީ، ސެކިއުރިޓީސް ދޫކުރާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދުގެ ދަށުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުން ޝާއިއުކޮށް އާންމުކުރަންޖެހޭ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ނެރެންޖެހެނީ އަންނަ ޖޫން މަހު 30 ވަނަ ދުވަހުގެ ކުރިން ކަމަށެވެ.

ލިސްޓުކޮށްފައިވާ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބޭއްވުން

ސީއެމްޑީއޭން ބުނީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މި ދުވަސްވަރަކީ މީހުން އެއްތަނަކަށް ޖަމާނުވުމަށް ސަރުކާރުން ކަނޑާއަޅާފައިވާ ހާލަތެއް ކަމަށެވެ. އަދި އެހެންކަމުން، ލިސްޓިން ރޫލްސްގެ ދަށުން 2020 ވަނަ އަހަރު މޭ 31 ވަނަ ދުވަހުގެ ކުރިން ލިސްޓުކޮށްފައިވާ ކުންފުނިތަކުން ބާއްވަންޖެހޭ އަހަރީ އާންމު ޖަލްސާ ބާއްވަން ޖެހެނީ އަންނަ ޖޫން މަހު 30 ވަނަ ދުވަހުގެ ކުރިން ކަމަށް ސީއެމްޑީއޭން ބުނެއެވެ.

ސެކިއުރިޓީސް ގަނެވިއްކުމުގެ މުއާމަލާތްކުރުން

ސީއެމްޑީއޭން ބުނީ، ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ މުއްދަތުގައި ސެކިއުރިޓީޒް ގަނެވިއްކުމާގުޅޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ބޭންކްތައް ހުޅުވުމަށް އެމްއެމްއޭން ކަނޑާއަޅާ ދުވަސްތަކުގައި ކަމަށެވެ. އަދި މި ދުވަސްތަކުގައި ކުންފުނިތަކުން ހަމަޖައްސާފައިވާ އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ކަމަށް ސީއެމްޑީއޭން ބުނެއެވެ. އެ ވަސީލަތްތަކުގެ ތެރޭގައި:

  • މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  • މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  • އާރިޔާ ސެކިއުރިޓީޒް ޕްރައިވެޓް ލިމިޓެޑް (ޑީލިން ކުންފުނި)
  • ސްޓޮކް ބްރޯކާސް ޕްރައިވެޓް ލިމިޓެޑް (ޑީލިން ކުންފުނި)

މީގެ އިތުރުން ސީއެމްޑީއޭން ވަނީ، ޖެމްސް ބޭނުންކުރާ ފަރާތްތަކުން ޖެމްސް މެދުވެރިކޮށް ލިޔެކިއުންތައް ފޮނުވުމަށް އެދިފައެވެ. އަދި އާންމު ފަރާތްތަކުން އޮފީހަށް ފޮނުވާ ސިޓީއާ އެހެނިހެން ލިޔެކިއުންތައް ބަލައިގަންނާނީ، [email protected] މެދުވެރިކޮށް ކަމަށް އެ އޮތޯރިޓީން ބުނެއެވެ.