ދިރާގު ޕޭއިން އިތުރު ކްރެޑިޓް، ޑިސްކައުންޓް އަދި ކޭޝް ބެކް އޮފަރ ތަކެއް ތައާރަފްކޮށްފިއެވެ.

ދިރާގުން ބުނީ، ކޮވިޑް19 ޕެންޑަމިކް އާ ގުޅިގެން ކަސްޓަމަރުންނަށް މިދުވަސްވަރު އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ ގޮތުންނާއި ޑިޖިޓަލް ކޮށް ފައިސާގެ މުއާމަލާތްތައް ހިންގުމަށް އަހުލުވެރިކުރުވައި، އެކަމަށް ބާރު އެޅުމުގެ ގޮތުން ދިރާގުޕޭ އަށް ޚާއްސަ އޮފާތަކެއް ތައާރަފުކޮށްފައިވާ ކަމަށެވެ. މި ދުވަސްވަރު، މި ނުރައްކާތެރި ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ސާފުތާހިރުވުމަށާއި ގެއިން ބޭރަށް ނުދިޔުމަށް ކެނޑިނޭޅި ސިއްހީ މާހިރުން ގޮވާލަމުންދާއިރު، ދިރާގުޕޭ އަކީ މި ދަނޑިވަޅު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ފަސޭހަ އަދި ރައްކާތެރި ހިދުމަތް ކަމަށް ދިރާގުން ބުނެއެވެ.

މޯބައިލް ޕްރީޕެއިޑް ކަސްޓަމަރުންނަށް: 20 ޕަސެންޓް ބޯނަސް ކްރެޑިޓް ކޮންމެ ރީލޯޑަކަށް

ދިރާގުން ބުނީ، ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން ދިރާގު ޕޭ މެދުވެރިކޮށް ކުރާ ކޮންމެ ރީލޯޑަލަކަށް 20 ޕަސެންޓް ބޯނަސް ކްރެޑިޓް ހިލޭ ލިބިގެންދާނެ ކަމަށެވެ. އަދި 8 ރުފިޔާއާ 500 ރުފިޔާއާ ދެމެދުގެ އަދަދަކަށް ދިރާގު ޕޭ މެދުވެރިކޮށް ރިލޯޑް ކުރެވޭނެ ކަމަށާއި، މި ބޯނަސް ކްރެޑިޓް ލިބިގެންދާނީ އޭޕްރީލް 1 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫންމަހުގެ ނިޔަލަށް ކަމަށް ދިރާގުން ބުނެއެވެ.

ޕޯސްޓްޕެއިޑް، ފިކްސްޑް ބްރޯޑް ބޭންޑް އަދި ދިރާގު ޓީވީ ކަސްޓަމަރުންނަށް: މަހު ފީއިން 5 ޕަސެންޓް ޑިސްކައުންޓް

ދިރާގުން ބުނީ، ދިރާގު ޕޯސްޓްޕެއިޑް، ފިކްސްޑް ބްރޯޑް ބޭންޑް އަދި ދިރާގު ޓީވީ ކަސްޓަމަރުން ދިރާގުޕޭ މެދުވެރިކޮށް ބިލް ދެއްކުމުން ޖެހިގެނެ އަންނަ މަހުގެ މަހު ފީ އިން 5 ޕަސެންޓް ޑިސްކައުންޓް ލިބިގެން ދާނެ ކަމަށެވެ. އަދި މި އޮފާ ކުރިއަށް ދާނީ އޭޕްރީލް 1 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫންމަހުގެ ނިޔަލަށް ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ޕޭ: އިތުރު ކްރެޑިޓް، ޑިސްކައުންޓް އަދި ކޭޝް ބެކް އޮފާތަކެއް

ކޭޝްބެކް އޮފާ: ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ލިބިމުގެ ނިޒާމެއް

ދިރާގުން ބުނީ، ދިރާގު ޕޭ މެދުވެރިކޮށް ވިޔަފާރި ކުރައްވާ ފަރާތްތަކަށް އޭޕްރިލް 1 ވަނަ ދުވަހުން ފެށިގެން 4 ހަފުތާ ވަންދެން، ކޮންމެ ހަފުތާއަކު އިތުރު ފައިސާ ލިބުމުގެ ނިޒާމެއް މަގުފަހިކޮށްފައިވާ ކަމަށެވެ. އެގޮތުން، ދިރާގު ޕޭގެ ހިދުމަތް ލިބޭ ވިޔަފާރިތަކުން ކޮންމެ ހަފްތާއަކު މަދުވެގެން 50 ރުފިޔާގެ 5 ވިޔަފާރި ދިރާގު ޕޭ މެދުވެރިކޮށް ކުރާ ފަރާތްތަކަށް، ކޮންމެ ހަފުތާއަކު 50 ރުފިޔާ ހިލޭ ދިރާގު ޕޭ ވޮލެޓަށް، އެ ހަފުތާ އެއް ނިމުމުން ޖަމާވެގެން ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުން ބުނީ، މި އޮފާ ތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް https://www.dhiraagu.com.mv/dhiraagu_pay.aspx އަށް ޒިޔާރަތް ކުރުމުން ލިބޭނެ ކަމަށެވެ.

ދިރާގުޕޭގެ ހިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 260 އަށް ވުރެ ގިނަވިޔަފާރިތަކުން ބޭނުންކުރާ ހިދުމަތެކެވެ. އޭގެތެރޭގައި ޑިލިވަރީގެ ހިދުމަތްދޭ މަޝްހޫރު ކެފޭ ރެސްޓުރަންޓްސް، ޖެނެރަލްޓްރޭޑިން، ސެލޫންސް އަދި ހޮސްޕިޓަލް ތަކާއި މިނޫންވެސް އެކި ސިނާއަތްތަކުގެ ވިޔަފާރިތައް ހިމެނެއެވެ. އަދި ގިނަ ވިޔަފާރިތަކުން ދިރާގުޕޭ ގާއިމު ކުރަން މަގުފަހި ކޮށްދިނުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގުން ވަނީ މާޗެންޓް ޓްރާންސެކްޝަން ފީ ވެސް 3 މަސްދުވަހަށް ނުނަގާ ގޮތަށް ވަނީ މިދިޔަ މަހުން ފެށިގެން ހަމަޖައްސާފައި ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ކުންފުނިން ބުނީ، މިމުއްދަތުގެ ތެރޭގައި އަލަށް ދިރާގު ޕޭ އާ ގުޅޭ ވިޔަފާރިތަކުންވެސް މި ފީ 3 މަހަށް ނުނެގުމަށް ހަމަޖައްސާފައިވާ ކަމަށެވެ. ދިރާގުން ބުނީ، ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ ނެޓްވޯކެއްގެ، ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދައްކާ، ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފާ ވެސް ކުރެވޭނެ ކަމަށެވެ. އެ ކުންފުނިން ބުނީ، ދިރާގު ޕޭ އަށް ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާސްފާސް ބޭނުންކުރެވޭނެ ކަމަށެވެ.