އެމްޑަބްލިއުއެސްސީގެ ފެނާއި ނަރުދަމާގެ ހިދުމަތަށް 25 އަހަރު ފުރިއްޖެއެވެ.

އެމްޑަބްލިއުއެސްސީ ވުޖޫދަށް އައިސްފައިވަނީ އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ފެނާއި ނަރުދަމާގެ ހިދުމަތް ލިބޭނެ ފުރިހަމަ މަގެއް ތަނަވަސްކޮށް ދިނުމަށްޓަކައި، 1995 ވަނަ އަހަރުގެ އެޕްރީލްމަހުގެ 1 ވަނަ ދުވަހުއެވެ. 60 މުއައްޒަފުންނާއެކު، ދުވާލަކު 10447 ކޮޑި މީޓަރުގެ ފެން، 60000 މީހުންގެ އާބާދީ އަކަށް ފޯރުކޮށްދިނުމަށް ފެށި މިކުންފުނިން މިހާރު ދަނީ 900 މުވައްޒަފުންނާއެކު، ދުވާލަކު 43300 ކޮޑި މީޓަރުގެ ފެން އުފެއްދުމުގެ ގާބިލްކަން ހޯދައި، ރާއްޖޭގެ އާބާދީގެ 50 ޕަސެންޓް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުނެވެ.

އެމްޑަބްލިއުއެސްސީން ބުނީ، އެކުންފުނީގެ އެންމެ މުހިންމު އަމާޒަކީ ރައްކާތެރި ފެނާއި ނަރުދަމާގެ ހިދުމަތް މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި އަދި ތިމާވެށްޓާ ރައްޓެހިގޮތެއްގައި، ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި އިންސާނީ ވަސީލަތްތައް ބިނާކޮށް ކުރިއެރުވުމާ އެކު، ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން ހިދުމަތްތައް އިތުރަށް ފުޅާކޮށް، ހިދުމަތުގެ ފެންވަރު އިތު ރަށް ތަރައްގީކޮށް، ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ހިދުމަތްތައް ލިބޭނޭ އިންތިޒާމްތައް ހަމަޖައްސައި ދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޑަބްލިއުއެސްސީ ހިދުމަތުގައި 25 އަހަރު

އެ ކުންފުނިން ބުނީ، ގްރޭޓާ މާލޭ ރީޖަންގެ އިތުރުން އެމްޑަބްލިއުއެސްސީން ކ.މާފުށި، ހދ.ކުޅުދުއްފުށި އަދި ރ.ދުވާފަރުގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެ މުން އަންނައިރު ރ.ދުވާފަރުގައި އެކުންފުނިން ދަނީ ކަރަންޓާއި ކުނި މެނޭޖްކުރުމުގެ މަސައްކަތްވެސް ކުރަންމުން ކަމަށެވެ. އެކުންފުނީގެ މައިގަނޑު އަސާސަކީ ފެނާ ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދިނުން ކަމުގައިވީ ނަމަވެސް، 25 އަހަރު ދުވަހުގެ ތަޖުރިބާއާއެކު ކުންފުނިން ވަނީ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފައެވެ. އެގޮތުން، އެކުންފުންޏަކީ މިއަދު ރާއްޖޭގައި ހިނގާ ފެނާއި ނަރުދަމާގެ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ އިތުރުން، ފުޅާ ދާއިރާ އެއްގައި އިންޖީނިއަރިން، މެނުފެކްޗަރިން އަދި ފެނާއި ނަރުދަމާއާ ގުޅުންހުރި ވިޔަފާރީގެ މަސައްކަތްތައް ކުރަމުންދާ ކުންފުންޏެކެވެ.

އެމްޑަބްލިއުއެސްސީ އަކީ، ވިޔަފާރިވެރިންނަށް ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑުތަކުގެ ފެނާއި ނަރުދަމާއާ ބެހޭ މުދާ ވިއްކާ، މަސްވެރިންނަށް އައިސް، އަދި ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުމާއި އަދި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ބޭނުންވާ ފެން ހޮޅި އަމިއްލައަށް އުފައްދައި ވިއްކަމުންގެންދާ ކުންފުންޏެކެވެ. މީގެ އިތުރުން، މިއަދު މި ކުންފުންޏަކީ ފެން ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓްކުރުމުގެ ގާބިލްކަންވެސް ހޯދާފައިވާ ކުންފުންޏެކެވެ.

އެމްޑަބްލިއުއެސްސީ ހިދުމަތުގައި 25 އަހަރު

އެ ކުންފުނިން ބުނީ، ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ހިދުމަތް ދިނުމަށްޓަކައި އެމް.ޑަބްލިޔު.އެސް.ސީ އިން ދަނީ ތަފާތު އެކި އެކި އެކި މަސައްކަތްތައް ކުރަމުން ކަމަށެވެ. އެގޮތުން އެކުންފުނީގެ ދެ އޮޕެރޭޝަން ސެންޓަރެއްގައި ދަނީ އިއާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދަމުނެވެ. އަދި ކަރުދާސް ބޭނުންކުރެވޭމިންވަރު މަދުކުރުމުގެ ގޮތުން، އެމްޑަބްލިއުއެސްސީން އިލެކްޓްރޯނިކް ހިދުމަތްތައް ވެސް ވަނީ ތައާރަފުކޮށްފައެވެ.

އެމްޑަބްލިއުއެސްސީން ބުނީ، އެކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެކުންފުނީގެ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް ހިދުމަތްތައް ހޯދައި، ފައިސާ ދެއްކޭނެ އިންތިޒާމް ފަހިކޮށްދީފައިވާ ކަމަށެވެ. އަދި އެ ކުންފުންޏަށް 25 އަހަރު ފުރިގެން މިދަނީ މުޅިދުނުޔެއަށް ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރިފައިވާ ވަގުތެއްގައި ކަމުން، 25 ވަނަ އަހަރު ފުރުމާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ހަރަކާތްތައް މަޑުޖައްސާލުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ. ނަމަވެސް މި ކުއްލި ނުރައްކާގެ ހާލަތުގައި ވެސް، އެކުންފުނީގެ މުވައްޒަފުން ދަނީ ކަސްޓަމަރުންނަށް ބޭނުންވާ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ވަރުބަލިކަމެއްނެތި ކުރަމުންނެވެ.

އެމްޑަބްލިއުއެސްސީ ހިދުމަތުގައި 25 އަހަރު

ހަމަމިއާއެކު، މިދަނޑިވަޅުގައި އެޅޭނެ އެންމެ މުހިއްމު އަދި ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، ކަސްޓަމަރުންނަށް އެމްޑަބްލިއުއެސްސީން ވަނީ އެ ކުންފުނީގެ އެޕް އަދި އޮންލައިން ހިދުމަތްތައް ބޭނުންކުރަމުން ގެންދިއުމަށް އިލްތިމާސްކޮށްފައެވެ.