ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތައް މާދަމާއިން ފެށިގެން ފަސްކޮށްދިނުމަށް ހުޅުވާލާނެ ކަމަށް ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހަންމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ބީއެމްއެލް އިން ލޯނު ނަގާފައިވާ މީހުންގެ އަދަދު 55،000 އަށް އަރާ ކަމަށާއި، މި ދަނޑިވަޅުގައި އެ ބޭންކުން ބޭނުން ވަނީ އެ އެންމެންނަށް ވެސް ފަސޭހަ ގޮތެއް ހަދައިދިނުމަށް ކަމަށެވެ.

އެގޮތުން ސައީދު ވިދާޅުވީ، ލޯނުތައް ފަސްކޮށްދޭން އެދުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވީ، ބޭންކުން ލިއު ދޭ އިރު 6 މަސް ދުވަހުގެ ތެރޭގައި އެއްވެސް އެއްޗެއް ދައްކަން ނުޖެހޭނެ ކަމަށާއި 6 މަސް ހަމަވެ ލޯން ދައްކަން ފަށާއިރު 20 ޕަސެންޓުގެ ލުޔެއްވެސް ލިބޭނެ ކަމަށެވެ. އެގޮތުން ލިބޭ ލުއި 6 މަހަށް ދާނެ ކަމަށާ، ޖުމްލަ އެކު 1 އަހަރު ދުވަހުގެ ލުޔެއް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ، އެ 1 އަހަރުގެ މުއްދަތަށް ފަހު ލޯނަށް ދައްކަން ޖެހޭ އަދަދަށް ބަދަލު އަންނާނެ ކަމަށާއި، ބޭންކުން ގަބޫލު ކުރަނީ 1 އަހަރުގެ މުއްދަތެއް ހިނގާއިރު ލޯން ދައްކާ ފަރާތްތައް ވެސް މާލީ ގޮތުން ހަމައަކަށް އެޅިފައި ހުންނާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މާލީ ލުއިތަކެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމާ އެއްގޮތަށް ބޭންކުން ލޯނު ތަކަށް ލުއި ދޭ އިރު، މިހާރު އެއްވެސް އެއްޗެއް ދައްކަން ނުޖެހި ލިބޭ ހަމަހުގެ އިތުރުން ލޯނު ނިމޭ ކޮޅުން އިތުރު 6 މަސް ލޯން ނިންމަން ދޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.

ބީއެމްއެލްއަކީ، ކަސްޓަމަރުންގެ ގޮތުގައި މުޅިންވެސް ދިވެހިން ތިބި ބޭންކަކަށް ވާއިރު އެ ބޭންކަށް އެންމެ ބޮޑު އާންމުދަނީއެއް ލިބޭ އެއް ފެސިލިޓީއަކީވެސް ލޯނުކަން ފާހަގަ ކުރެވެއެވެ.