ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކާފިއު އިއުލާން ކުރުމާ ގުޅިގެން އެމްޕީއެލުން މާލެއާއި ހުޅުމާލެއާ ދެމެދު ކުރާ ބަސްދަތުރުތަކުގެ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލެއަށް ދަތުރުކުރާ ބަސް ދަތުރުތައް ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 7:30 އިން ފެށިގެން ކުރިއަށް ދާނެ ކަމަށެވެ. އަދި މާދަމާއިން ފެށިގެން އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ހަވީރުގެ އެންމެ ފަހު ދަތުރެއްގެ ގޮތުގައި ހުޅުމާލެއާ މާލެއާ ދެމެދު ދަތުރުކުރާ ބަސްތައް ދަތުރުކުރާނީ ހަވީރު 4:00 ގައި ކަމަށެވެ. އެއަށް ފަހު ދެން ހުޅުމާލެއަށް ދަތުރުކުރާ ބަސްތަކުގެ ދަތުރު ފަށާނީ އިރުއޮއްސި 6:00 އިން ކަމަށާއި ރޭގަނޑުގެ އެންމެ ފަހު ދަތުރު ފަށާނީ 11:00 ގައި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެމްޕީއެލްގެ ބަސް ދަތުރު ކުރަނީ މާލެއިން ހުޅުމާލޭގެ އިތުރުން ހުޅުލެއަށެވެ. އެގޮތުން ހުޅުލެއަށް ދަތުރުކުރާ ބަސްތަކުގެ ވަގުތަށް އައިސްފައިވާ ބަދަލު ހިއްސާ ކުރަމުން އެމްޕީއެލުން ބުނީ، މާދަމާއިން ފެށިގެން ހެނދުނު 7:30 އިން ހަވީރު 5:00 އަށް ދަތުކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހަވީރު ފަހެއްގެ ފަހުން ހުޅުމާލެއަށް ބަސް ދަތުރު ނުކުރާގޮތަށް ނިންމާފައިވާ ކަމަށްވެސް އެފަރާތުން ބުނެއެވެ.

އަލަށް ފެށުނު މާލޭ ހުޅުމާލެ ބަސް ރޫޓް / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

މީގެ އިތުރުން ހުކުރު ދުވަސްތަކުގައި ކުރިއެކޭ ވެސް އެއްގޮތަށް ހުކުރު ވަގުތު ބަސް ދަތުރު ނުކުރާނެ ކަމަށް ވެސް އެމްޕީއެލުން ބުނެއެވެ. އެގޮތުން މެންދުރު ނަމާދަށް ބަސްހުއްޓާލާ އިރު އެންމެ ފަހު ދަތުރު ކުރާނީ 11:00 ގައި ކަމަށާއި އަދި ހުކުރު ވަގުތަށް ފަހު ދަތުރު ފަށާނީ މެންދުރު 2:00 ގައި ކަމަށް އެމްޕީއެލުން ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން އެމްޕީއެލް އިން އަންނަނީ އެކުންފުނިން މާލެ އާއި ހުޅުމާލެ އަދި ހުޅުލެއާ ދެމެދު ދަތުރުކުރާ ބަސްތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ހަމައެއާއެކު، ބަސް ސްޓޮޕްތަކުގައި ގާއިމުކޮށްފައިވާ އަތް ދޮވުމުގެ ވަސީލަތްތަކުގެ ބޭނުން ހިފައި ވީހާވެސް ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރުމަށާއި، ކޮންމެހެން ބޭނުން ޖެހިގެން ނޫނީ ބަސް ދަތުރުވެސް ނުކުރުމަށް އެމްޕީއެލް އިން ވަނީ އިލްތިމާސް ކޮށްފައެވެ.