ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފެއްޓެވި ގުރުއާން ޗެލެންޖް ކާމިޔާބުވެ އެތައް ދިވެހިންނެއްގެ އަޑުން ގުރުއާންގެ އާޔަތްތައް ކިޔަވާ އެ ޗެލެންޖަށް ލޯބި ޖެހިއްޖެއެވެ.

ކޮވިޑް-19ގެ ބިރުގައި މުޅި ދުނިޔެ ހުއްޓިފައި އޮތް ދަނޑިވަޅުގައި ޝަހީމް ފެއްޓެވި ޗެލެންޖަށް އާންމުންގެ ލޯބި ޖެހިފައި ވާއިރު، އެ ޗެލެންޖުގައި ގިނަ އަދަދެއްގެ ކުޑަކުދިން ދަނީ ބައިވެރިވަމުންނެވެ. މީގެ އިތުރުން ސިޔާސީ ބޭފުޅުންވެސް ގެންދަވަނީ ފޯރީގައި އެ ޗެލެންޖުގައި ބައިވެރިވަމުންނެވެ.

ހަލުވި ކަމާއެކު ދުނިޔޭގައި ފެތެރެމުންދާ ކޮވިޑް-19ގެ ސަބަބުން އިޖުތިމާއީ ގައިދުރުކަމާއި އަމިއްލަ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ގޭގައި ކަރަންޓީނުގައި ތިބޭއިރު ފޫހި ފިލުވުމުގެ ގޮތުން އެކި ގޮތްގޮތަށް އެންމެންވެސް ވަގުތު ހޭދަކުރަމުން ދާއިރު، ސޯޝަލް މީޑިއާގައި ދިވެހިންގެ މެދުގައި މިހާރު އެންމެ ބާރަށް ހިނގަނީ ގުރުއާންގެ ކިޔެވުމުގެ ޗެލެންޖެވެ.

މިދިޔަ އާދިއްތަ ދުވަހު ޝަހީމް ފެއްޓެވި އެ ޗެލެންޖްގައި ގުރުއާނުން ވަކި މިންވަރެއް ކިޔެވުމަށް ފަހު އެހެން މީހަކަށް ދައުވަތު ދެނީއެވެ. އޭރުން އެ މީހަކު އެކަން ގަބޫލުކޮށް، އޭނާ ވެސް ގުރުއާންގެ އާޔަތްތަކެއް ކިޔަވައި، ސޯޝަލް މީޑިއާގައި އެ ކިޔަވާ ވީޑިއޯ ހިއްސާކުރަނީއެވެ.

ގުރުއާން ކިޔެވުމުގެ ޗެލެންޖްގެ އިތުރުން ކޮންމެ ރެއަކުވެސް ރޭގަނޑު 10:00 ގައި ފޭސްބުކް މެދުވެރިކޮށް ގުރުއާނުގެ އިލްމާއި ތަފްސީރު ކުރުމުގެ ޕްރޮގްރާމެއްވެސް ޑރ.ޝަހީމް ކުރިއަށް ގެންދަވައެވެ. އެ ޕްރޮގްރާމުގައި ގުރުއާނުގައި ހުންނަ އެކިއެކި އިލްމީ ވާހަކަތަކާއި މާނަތައް އާންމުންނާއި ހިސާބަށް ގެނެސްދެއްވައެއެވެ.

މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް، ގުރުއާން ޚަތިމްކޮށް ނިންމުމަށް އަމާޒުހިފާފައިވާ އެ ޕްރޮގްރާމުގައިވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ބައިިވެރިވަމުންނެވެ.

ގޭގައި ކަރަންޓީން ވެ ނުވަތަ އިޖުތިމާއީ ގައިދުރުކަން އިސްކުރުމަށް ސިއްހީ މާހިރުން ގޮވާލަމުންދާއިރު ސޯޝަލް މީޑިއާގައި ތަފާތު އެހެން ޗެލެންޖްތައް ވެސް ކުރިއަށް ދެއެވެ. އޭގެ ތެރެއިން މިހާރުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެފައިވާ އެއް ޗެލެންޖަކީ "ޓޮއިލެޓް ޕޭޕާ ރޯލް" ޗެލެންޖެވެ.

އެ ޗެލެންޖުގައި ޖެހެނީ ވައްޓާނުލައި ދެތިން ފަހަރު ފައިން "ޓޮއިލެޓް ޕޭޕާ" ޖަގަލް ކުރާށެވެ. އެ ޗެލެންޖުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން ކެބިނެޓުގެ ބައެއް ވަޒީރުންނާއި މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.