ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ދެއްވައިއެވެ.

ރައީސް ނަޝީދު ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ގޮތުން ސާމްޕަލް ނަގާފައި ވަނީ، ކޮވިޑް-19 މިހާރުގެ ހާލަތަށް ބަލާފައި ޔޫކޭއިން މި މަހުގެ 14 އިން 19 އާ ދެމެދު އައި މީހުން ޓެސްޓް ކުރަން ނިންމާފައި ވުމާ ގުޅިގެންނެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމާ ގުޅިގެން ނަޝީދު ވިދާޅުވީ، މިމަހު 11 ވަނަ ދުވަހު ޔޫކޭއަށް ވަޑައިގެންނެވުމަށް ފަހު ރާއްޖެ ވަޑައިގެންނެވީ، މިމަހު 15 ވަނަ ދުވަހު ކަމަށެވެ. އަދި ރާއްޖެ ވަޑައިގެންނެވީ، ޔޫކޭއިން އަންނަ މީހުން ކަރަންޓީނު ކުރުމަށް އެޗްޕީއޭގެ ފަރާތުން ނާންގަނީސް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ބުނީ، ރައީސް ނަޝީދު ހުންނެވީ، އެޗްޕީއޭ އިން އެދިވަޑައިގެންނެވިގޮތައް އަމަލު ކުރެއްވުމަށް ތައްޔާރަށް ކަމަށެވެ.

ނަޝީދު ވިދާޅުވީ، ޔޫކޭއިން ވަޑައިގަތުމަށް ފަހު، ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާތީ ޑޮކްޓަރެއްގެ ލަފާ ހޯއްދަވާފައި ނުވާ ކަމަށެވެ. އަދި ވަޑައިގެންނެވުމަށް ފަހު ގޭގައި ހުންނެވި ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޔޫކޭއިން ވަޑައިގެންނެވުމަށް ފަހު އައިއޮލޭޝަން (ގައިދުރުކަން) ގެންގުޅުއްވި ކަމަށް ނަޝީދު ވިދާޅުވެފައި ވާއިރު، މިމަހު 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި ވެސް އިންނެވީ އެމަނިކުފާނެވެ.

ނަޝީދު ޔޫކޭއަށް ވަޑައިގެންނެވީ، އެމަނިކުފާނާއި، ލައިލާގެ ކައިވެންނަށް 26 އަހަރު ފުރުން ފާހަގަ ކުރެއްވުމަށެވެ. ނަޝީދާއި ލައިލާގެ ކައިވެންޏަށް އަހަރު ފުރޭ ދުވަހަކީ މާޗު މަހުގެ 13 ވަނަ ދުވަހެވެ.