ޔޫކޭއިން ރާއްޖެ އައި 4 ވަނަ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތައް ފެނި، ސާމްޕަލް ނަގައި، ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެޗްޕީއޭން ބުނީ، މިއީ އިނގިރޭސި ވިލާތުން އެނބުރި އައި މީހަކު ކަމަށާއި، މިއީ މި ބައްޔަށް ޕޮޒިޓިވްވި 4 ވަނަ ދިވެހި މީހާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ 19 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 4 ދިވެއްސަކާއި، 15 ބިދޭސީންނެވެ. އަދި މި މީހުންގެ ތެރެއިން 13 ބިދޭސީއަކު ވަނީ މިހާތަނަށް މި ބަލިން ރަނގަޅު ވެފައެވެ. މީގެ އިތުރުން ރާއްޖޭގައި ކަރަންޓީނު ކުރުމަށް ފަހު އަނބުރާ ގައުމަށް ދިއުމަށް ހުއްދަ ދިން 2 މީހަކު، އިޓަލީއަށް ދިއުމަށް ފުރިފަހުން ޕޮޒިޓިވް ވެފައި ވާކަން ވަނީ އެނގިފައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ބިދޭސީންނަކީ، ކުރެއްދޫ އައިލެންޑް ރިސޯޓުން 4 ފަތުރުވެރިންނާއި 1 ސްޓާފެއް އަދި އަނަންތަރާ އައިލެންޑް ރިސޯޓުން 2 ފަތުރުވެރިން، ކުރަމަތި އައިލެންޑް ރިސޯޓުގެ 2 ފަތުރުވެރިން، ސޭންޑީސް ބަތަލާ ރިސޯޓުން 2 ފަތުރުވެރިން އަދި އައިލެންޑް ސަފާރީން 4 ފަތުރުވެރިންނެވެ. އަދި މި ބައްޔަށް ޕޮޒިތިވްވި ދިވެހިންނަކީ އިނގިރޭސި ވިލާތުން އައި ހަތަރު ދިވެހިންނެވެ.