މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކޮށްލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ފުރަތަމަ ފެންނަން ފެށި ޗައިނާއިން މިހާރު ފެންނަނީ ތަފާތު މަންޒަރުތަކެކެވެ. ސޯޝަލް މީޑިއާ ފީޑުގެ އެއްކޮޅުން އަނެއް ކޮޅަށް ބަލާލި ކަމުގައި ވީ ނަމަވެސް ޗައިނާއިން ފެންނަނީ، މި ބައްޔަށް ފަރުވާ ހޯދާ، ޝިފާ ލިބިގެން ހޮސްޕިޓަލުތަކުން ދޫކޮށްލާފައިވާ ޕޭޝަންޓުން ހިނިތުންވުމަކާއެކު ހޮސްޕިޓަލުތަކުން ނިކުމެގެންދާ މަންޒަރެވެ.

ޗައިނާގެ ނޭޝަނަލް ހެލްތް ކޮމިޝަނުން ބުނާ ގޮތުގައި ޗައިނާގެ ހޮސްޕިޓަލުތަކުން ކޮވިޑް-19އަށް ފަރުވާ ހޯދައިގެން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 76238 އަށް އަރާފައެވެ. ޗައިނާގެ ރަސްމީ ޚަބަރު ފަތުރާ ޝީންހުއާއިން ރިޕޯޓްކުރާ ގޮތުގައި، އިއްޔެ އެކަނިވެސް 186 މީހަކު ވަނީ ހޮސްޕިޓަލުތަކުން ދޫކޮށްލާފައެވެ.

އުފާވެރި މޫނުތަކަކީ ހަމައެކަނި ފަރުވާ ހޯދައިގެން ރަނގަޅުވި މީހުންނެއް ނޫނެވެ. އެމީހުންނަށް ފަރުވާ ދިނުމުގައި އެތައް ދުވަހެއް ވަންދެން ގުރުބާންވަމުންދިޔަ ސިއްހީ ހިދުމަތްތެރިންނާ ތަޖުރިބާކާރުންވެސް މިހާރު ދަނީ ހޮސްޕިޓަލުތައް ދޫކޮށް، އަމިއްލަ ގެއަށް ދިއުމަށް ދަތުރުކުރަމުންނެވެ.

ކޮވިޑް-19އާ ގުޅިގެން ޗައިނާގައި ސިއްހީ ހިދުމަތްދިނުމަށް ވަގުތީ ގޮތުން ބޭނުންކުރަމުންދިޔަ ސަރަހައްދެއް ރޫޅާލަނީ/ފޮޓޯ: ޝީންހުއާ ނިއުސް

ކޮވިޑް-19ގެ ފުން އަނދަވަޅު ނުވަތަ އެޕިސެންޓާގެ ގޮތުގައި ސިފަކުރަމުން އަންނަ ހޫބޭ ޕްރޮވިންސްގައި ޚިދުމަތް ކުރުމަށް އެގައުމުގެ އެކި ހިސާބުތަކުން ޖަނަވަރީ މަހު ދަތުރުކުރި ސިއްހީ ހިދުމަތްތެރިންވެސް މިހާރު ވަނީ އެމީހުންގެ އުފަން ވަޒަނަށް ބަދަލުވާން ފަށާފައެވެ. މި އެންމެނަކީވެސް ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު އަމިއްލަ ވަޒަނަށް ދަތުރުކުރަމުންދާ ޚިދުމަތްތެރިންނެވެ.

ޗައިނާގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުގައި މިވަގުތު ކޮވިޑް-19ގެ އެކްޓިވް ކޭސް ގޮތުގައި ރެކޯޑްކޮށްފައިވަނީ އެންމެ 2004 ކޭހެވެ. އެގައުމުން ޖުމުލަ 81554 މީހަކަށް ބަލިޖެހުނުއިރު، 76238 މީހަކު ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފައެވެ.