އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ކަސްޓަމަރުން ނަގާފައިވާ ޕްލޭނަށް ހަމަޖެހިފައިވާ ޑޭޓާ ހަމަވުމުން، ދުވާލަކަށް 5 ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭނެ ކަމަށް މިއަދު އެ ކުންފުނިން އިއުލާނު ކޮށްފިއެވެ.

އުރީދޫން ބުނީ، ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އާއި ގުޅިގެން އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައެވެ. ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި، އިންޓަނެޓް މެދުވެރިކޮށް ކުދިންގެ ކިޔެވުން ކުރިއަށް ގެންދިޔުމަށްވެސް މަޖުބޫރުވެފައިވާ ކަމަށެވެ. އެހެންކަމުން އުރީދޫގެ ހާއްސަ ޕެކޭޖެއް އިއުލާން ކުރީ، މި ދަތިތަކަށް ލުއިކަމެއް ގެނެސްދީ، ގައިދުރުކަން ބަހައްޓާ، ގޭގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ނަންގަވާފައިވާ އިސްނެގުމާއި އެއްގޮތުގެމަތިން ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫން ބުނީ، މި އޮފާ ތައާރަފް ކުރެވިފައި ވަނީ އާދައިގެ މަތިން ޑޭޓާ ބޭނުންކުރާ ވަރަށްވުރެ ގިނައިން ޑޭޓާ ބޭނުން ކުރަންޖެހިފައިވާތީ، އިންޓަނެޓަށް ލުއި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިލައްވާފައިވާތީ ކަމަށެވެ.

އެ ކުންފުނިން ބުނީ، މި އޮފާ ގެ މަގްސަދަކީ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމުގައި އަންލިމިޓެޑް ތަޖުރިބާއެއްދިނުން ކަމަށެވެ. އެގޮތުން، ނަގާފައިވާ ޕްލޭންއަށް ހަމަޖެހިފައިވާ ޑޭޓާ ހުސްވުމާއެކު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިލޭ ޑޭޓާ އެލަވަންސް އެކްޓިވޭޓްވެ، މެދުކެނޑުމެއްނެތި އިންޓަނެޓްގެ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ، ސުޕަނެޓް ކަސްޓަމަރުން ނަންގަވާފައިވާ ޕްލޭންގެ ޑޭޓާ އެލަވަންސް ބޭނުންކުރެވުމާއެކު، 5ޖީބީ ގެ އެލަވަންސް ކޮންމެ 24 ގަޑިއިރުން އެއްފަހަރު އަލުން އެކްޓިވޭޓްވެގެންދާނެ ކަމަށެވެ. އަދި މި އެލަވަންސަކީ ކޮވިޑް-19 އާއި ގުޅިގެން ސުޕަނެޓް ކަސްޓަމަރުންނަށް ތައާރަފް ކޮށްފައިވާ 25 ޕަސެންޓް ހިލޭ ލިބޭ ޑޭޓާ އެލަވަންސްގެ އިތުރުން ލިބޭ އެލަވަންސްއެކެވެ. އުރީދޫން ބުނީ މި އޮފާ އޭޕްރިލް މަހުން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

މިކަމާ ގުޅިގެން އުރީދޫގެ ސީއީއޯ އަދި އެމްޑީ، ނަޖީބް ޚާން ވިދާޅުވީ، އާއިލާތަކާއި ވިޔަފާރިތަކުން، މީގެ ކުރިން ލަފާ ކުރެވިފައިނުވާ ގޮންޖެހުންތަކާއި ކުރިމަތިލަމުންދާ މި ދަނޑިވަޅުގައި، ގޭގައި ތިބެގެން ހުރިހާކަމެއް ހަމަޖެއްސުމުގައި އުރީދޫގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ. އަދި މި ނާޒުކު ދަނޑިވަޅުގައި އެންމެހާ ފަރާތްތައް ގުޅުވައިދިނުމަށްޓަކައި، އެންމެ ރަނގަޅު ފެންވަރުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ނަޖީބް ޚާން ވަނީ ކަސްޓަމަރުންނަށް އަރުވާފައެވެ.

އޭނާ ވިދާޅުވީ، މި ހާލަތުގައި އިންޓަނެޓްގެ ބޭނުން އެންމެ އެދެވޭގޮތުގައި ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ. އެގޮތުން، ބްރޯޑްބޭންޑަކީ ކަނޑައެޅިފައިވާ ވަކި ވަރަކަށް ލިބިފައިވާ ރިސޯސެއް ކަންފާހަގަ ކުރައްވާ އޭނާ ވަނީ، ވަކިން ހާއްސަކޮށް ބޭނުންކުރެވޭ ނިސްބަތް ކުރު މުއްދަތެއްގެ ތެރޭގައި މަތިވަމުންދާނެ މިފަދަ ހާލަތްތަކުގައި، ގިނަ ފަރާތްތަކަށް ފައިދާކުރާނެގޮތަށް، އެންމެ އެދެވޭގޮތުގައި އިންޓަނެޓްގެ ބޭނުން ހިފުމަށް އިލްތިމާސްކުރައްވާފައެވެ.

ކޮވިޑް-19 އިން ރައްކާތެރިކަން ހޯދުމަށް ކުދިންގެ ކިޔެވުމާއި، ކުންފުނިތަކުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކާއި، މީޓިންތައް ވެސް ޑިޖިޓަލްކޮށް ކުރިޔަށް ގެންދަން ޖެހިފައިވުމާއެކު، ދިމާވާ ދަތިތަށް ލުއިކޮށްދިނުމުގެ މަގްސަދުގައި އުރީދޫން އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.