ކޮވިޑް-19 އާ ގުޅިގެން މުއާސަލާތީ ކުންފުނިތަކުން އިންޓަނެޓް ހިދުމަތް ދިނުމުގައި އެކަހެރިކުރާ ފަރާތްތަކާއި އެންއޯސީއަށް އިންޓާނެޓްގެ ހިދުމަތް ހިލޭ ދިނުމަށާއި، އެހެނިހެން ފަރާތްތަކަށް އިންޓަނެޓް ހެޔޮ އަގުތަކެއްގައި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފިއެވެ.

މުއާސަލާތީ ހިދުމަތްތައްކާއި އިންޓަނެޓުގެ ހިދުމަތްތައް މެދުކެނޑުމެއްނެތި، އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ރައީށް ވަނީ ނިންމާފައެވެ. އެގޮތުން މިކަމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ދިވެހިރާއްޖޭގައި މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް ސަރުކާރުން ވަނީ ދައުވަތު އަރުވާފައެވެ.

ހަމައެއާއެކު މި ދަނޑިވަޅުގައި ރައްޔިތުންގެ މާލީ ހާލަތަށް ބަދަލުތަކެއް އަންނާނެކަން ދެނެގަނެ، ގޭގައި މަޑުކުރުމާއި ގޭގައި ތިބެގެން ދަރިވަރުންނަށް އުނގަންނައި ދިނުމުގައި އިންޓަނެޓު ބޭނުންކުރާ މިންވަރު އިތުރުވާތީ، ސަރުކާރުން ވަނީ މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގައި އެދިފައެވެ.

މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން އަމަލުކުރުމަށް އެދި ސަރުކާރުން ހުށަހަޅާފައި ވަނީ:

  • ކޮވިޑް ޓާސްކްފޯސްގެ މަސައްކަތްތަކަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓާ (އެންއީއޯސީ) އާއި އެ އިދާރާގެ ސެލްތަކަށް ބޭނުންވާ އިންޓަނެޓުގެ ހިދުމަތްތައް އެއްވެސް އަގަކާއި ނުލައި ފޯރުކޮށްދިނުން.
  • ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމުގެ ދަށުން އެކަހެރިކޮށްފައިވާ (ކަރަންޓީން އަދި އައިސޮލޭޓް ކޮށްފައިވާ) މީހުންނަށް އެއްވެސް އަގަކާ ނުލައި އިންޓަނެޓުގެ ހިދުމަތްތައް ފޯރުކޮށްދިނުން.
  • މި ދަނޑިވަޅުގައި އިންޓަނެޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ބަލައި، "ޑޭޓާ ކެޕް" ނުވަތަ އިންޓަނެޓު ޕެކޭޖްތަކުގައި ކަނޑައަޅާފައިވާ "ޑޭޓާ އެލަވަންސް" އިތުރުކޮށްދިނުމާއި، އެ ޕެކޭޖެއްގައި ކަނޑައަޅާފައިވާ ޑޭޓާގެ މިންވަރު ހަމަވުމުން އިތުރު ޑޭޓާއަށް އެދުމަށް ދޫކުރާ "ޑޭޓާ ބޫސްޓާ" ޕެކޭޖުތަކުގެ އަގު ހެޔޮކޮށްދިނުން.
  • ކޮންމެ ޕެކޭޖެއްގެ ދަށުން ފޯރުކޮށްދޭ "ޑޭޓާ އެލަވަންސް" ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން 70 ޕަސެންޓް ކަސްޓަމަރުންނަށް އަދި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން 50 ޕަސެންޓް ކަސްޓަމަރުންނަށް ދެގުނައަށް އިތުރުކޮށްދިނުން. ނުވަތަ، ފިކްސްޑް ބްރޯޑްބޭންޑް އަދި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް، އެ ކަސްޓަމަރުންގެ "ޑޭޓާ އެލަވަންސް" ހަމަވުމުން އިންޓަނެޓުގެ ހިދުމަތް ބޭނުންކުރެވޭނެ ގޮތަށް ކޮންމެ ދުވަހަކު އައު ކުރެވޭ "ޑެއިލީ އަންކެޕްޑް އެލަވަންސް" އެއް ތައާރުފުކުރުން.
  • "ޑޭޓާ އެލަވަންސް" ހަމަވުމުންވެސް އިންޓަނެޓުގެ ހިދުމަތް ހަލުވި ސްޕީޑެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އިތުރު ފަހި ގޮތްތަކެއް އިންތިޒާމު ކުރުމަށް މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން މަސައްކަތް ކުރުން.

ސަރުކާރާއި ސްކޫލްތައް ބަންދުކުރެއްވުމާއި، ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނަށް އެންގެވުމަކީ، ކޮވިޑް-19 ބައްޔާއި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިސްނެންގެވުމާއެކު ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެކަކު އަނެކަކާއި ދެމެދު ދުރުމިނެއް ބެހެއްޓުމުގެ މަގްސަދުގައި އަޅުއްވާފައިވާ ފިޔަވަޅުތަކެކެވެ. އެ ފިޔަވަޅުތަކަށް އަމަލުކުރުމުގައި ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ލުއިތަކެއް ހޯދައިދިނުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.