ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކޮށްފައިވާ ފްލެޓްތަކުގެ އިންސްޓޯލްމަންޓާޢި ކުލި ދެމަހަށް 30 ޕަސެންޓް ކުޑަކޮށްދީފިއެވެ.

އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަނުން ދޫކޮށްފައިވާ ފްލެޓް، ގޯތިތައް، ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓުތަކާއި ސިނާއީ ބިންތަކަށް އެއްބަސްވުމުގެ ދަށުން އަންނަ އޭޕްރީލާއި މޭ މަހު ދައްކަން ޖެހޭ އިންސްޓޯލްމަންޓް އަދި ކުލީގެ 30 ޕަސެންޓަށްވާ ފައިސާ ދެއްކުން ފަސްކުރުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ. އެޗްޑީސީން ބުނީ، މި ފިޔަވަޅު ނަގާފައި ވަނީ، ދުނިޔޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން ސަރުކަރުގެ އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން ފަރުދުންނާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދާދިނުމުގެ ގޮތުން ކަމަށެވެ.

އެޗްޑީސީން ބުނީ، ކުލި ދެއްކުމުގައި ލުއި ލިބޭނީ، ވެފައިވާ އެއްބަސްވުމުގެ ދަށުން ގަވާއިދުން ފައިސާ ދައްކަމުންދާ ފަރާތްތަކުގެ ތެރެއިން އެ ކޯޕަރޭޝަނަށް ފޯމު ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ. އަދި ކުއްޔަށްވާ ފައިސާއިން 30 ޕަސެންޓް ލުއި ކޮށްދިނުމަށް ނިންމާފައި ވަނީ، ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބީއެމްއެލްގެ ޑެބިޓް މެދުވެރިކޮށް، އެއްބަސްވުމާ އެއްގޮތަށް މި ދެ މަހަށްވާ ފައިސާގެ ޖުމްލަ އަދަދު ޖަމާކުރާ ފަރާތްތަކަށެވެ. އަދި ޖުމްލަ އަދަދު ދެއްކުމުން، ކުލީގެ 30 ޕަސެންޓަށްވާ ފައިސާ އަނބުރާ ރައްދު ކޮށްދޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ކުއްޔަށް ލުއިދޭ ފަރާތްތަކުގެ ތެރެއިން، އެ 30 ޕަސެންޓްގެ ފައިސާ އެޗްޑީސީއަށް އަނބުރާ ދެއްކުމަށް 1 އަހަރަށްވުރެ ދިގު ނޫން މުއްދަތެއް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ. މީގެ އިތުރުން، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ގަވާއިދުން ފައިސާ ނުދެއްކިވާ ފަރާތްތަކުން، ފައިސާ ނުދެއްކުނު ސަބަބު ހާމަ ކުރުމުން، އެ ކޯޕަރޭޝަނުން އަމަލު ކުރަމުްނދާ ޑެޓް ކަލެކްޝަން ޕޮލިސީއާ އެއްގޮތަށް ފައިސާ ދެއްކުމުގެ ފުރުސަތު ދޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މީގެ އިތުރުން އެޗްޑީސީން ހައުސިން ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ސްކީމްތަކަށް ބަދަލުކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކާށް ވެސް އޮތް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެޗްޑީސީން ބުނީ އިސްލާމިކް ސްކީމުގެ ދަށުން ފައިސާ ދައްކަންޖެހޭ ތާވަލަށް ގެނެވޭ ބަދަލުގެ ސަބަބުން ކޮމްޕައުންޑް އިންޓްރެސްޓް ނާރާނެ ކަމަށެވެ.