ހއ. ބާރަށުގެ ޒުވާނުންގެ ބަޔަކާއި އެ ރަށުގައި ހުރި ފުލުހަކާ ދެމެދު ހިޔާލުތަފާތުވެ މައްސަލައެއް ޖެހިއްޖެއެވެ.

ފުލުހުން ބުނީ ބާރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު އެ ރަށުގެ މީހާކާ މުހާތަބު ކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ރޭ އެ ފުލުސް މީހާ ރަށުން ބޭރު ކުރުމަށް ޒުވާނުންގެ ބަޔަކު ޑިމާންޑު ކުރި ކަމަށެވެ. ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވި ޒުވާނުން ވަނީ އެތަނުން ދިޔުމަށް ދެކޮޅުހަދައިފައި ކަމަށާއި އެކަމާ ގުޅިގެން، ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުންވެސް އިތުރު ފުލުހުން ބާރަށަށް ދިޔަކަމަށް ކަމަށްވެސް ފުލުހުން ބުނެއެވެ.

ދިއްދޫއިން ރޭ 11:50 ހާއިރު ދިޔަ ފުލުހުންނާއި ބާރަށު ކައުންސިލުގެ ރައީސް ހިމެނޭ ގޮތަށް ފަސް މީހުންގެ ޓީމަކުން އެ ރަށަށް ގޮސްފައިވާ ކަމަށާއި އެއްވިި މީހުންނަށް އެކަށީގެންވާ ސަބަބެއް ދެއްކިފައި ނުވާތީ އެ މީހުންނަށް ނަސޭހަތް ދިނުމަށްފަހު 1:35 ހާއިރު ފޮނުވާލެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ބާރަށުގެ ޒުވާނުންނާއި އެ ރަށުގެ ފުލުހަކާ މައްސަލަ ޖެހުނީ ޑްރޯންއެއް ބޭނުންކޮށްގެން ފުލުހަކު އަންހެން ކުއްޖެއްގެ ބަރަހަނާ ފޮޓޯއެއް ނެގުމުން ކަމަށް އިއްޔެ ސޯޝަލް މީޑިއާގައި ފެތުރިގެން ދިޔަ ވާހަކަތަކަކީ ދޮގު ވާހަކަ ތަކެއް ކަމަށާއި އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.